މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުންގެންދާ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލްމާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ އެ ގޮޅިތައް އަލުން ކުއްޔަށް ހިފަން އެދޭފަރާތްތަކަށް އެފުރުސަތު އެ ކައުންސުލުން މިއަދު ހުޅުވާލައިފިއެވެ.
މާލޭ ލޯކަލްމާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުން އަގުނެގުމަށް ހަމަޖެހިފައި ވަނީ އެ ގޮޅިއެއްގެ ބޮޑުމިނުގެ ކޮންމެ އަކަފޫޓަކަށް 31.25 ރުފިޔާ މަގުންނެވެ. މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
މިއަދު ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައި ގޮޅިތަކަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންކަމުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން ގޮޅި ލިބިފައިވާ މުއްދަތުގެ ތެރޭގައި އަމިއްލައަށް ގޮޅީގައި ހުރެގެން ގޮޅި ހިންގަމުންގެންދާ ފަރާތެއްނަމަ 30 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގަމުންދާ ފަރާތެއް ނަމަ 15 ޕޮއިންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ގޮޅި ހިންގަމުންދާތާ މިހާތަނަށް ވެފައިވާ މުއްދަތު އެއް އަހަރު ވެފައިވާ ނަމަ 15 ޕޮއިންޓް، ދެ އަހަރު ވެފައިވާނަމަ 30 ޕޮއިންޓް އަދި ތިން އަހަރު ވެފައިވާނަމަ 45 ޕޮއިންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވެސްވަރަކަށް ބޭރުމީހުން ނުގެންގުޅެ ގޮޅި ހިންގާފަރާތެއް ނަމަ 10 މާކްސް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މާރުކޭޓު ގޮޅިތައް ބެހިފައިވާ ގޮތުގެ ތަފްސީލު ވެސް އެ އިއުލާނުގައި ވަނީ ހިމަނާފައެވެ. މިގޮތުން ދަތުރުވެރިންގެ މާރުކޭޓްގައި ތަރުކާރީ މޭވާ ވިއްކުމަށް ޚާއްސަ 163 ގޮޅި ހިމެނޭއިރު، ލޯކަލް މާރުކޭޓްގައި ތަރުކާރީއާއި މޭވާ ވިއްކުމަށް ހާއްސަ 100 ގޮޅި ހިމެނެއެވެ.
މީގެއިތުރުން ލޯކަލް މާރުކޭޓްގައި ވަޅޯމަށް ވިއްކުމަށް ހާއްސަ 32 ގޮޅި، ލުއިކާނާ ސޮފްޓް ޑްރިންކް ވިއްކުމަށް ހާއްސަ 35 ގޮޅި އަދި އިމްޕޯޓް މުދާ ވިއްކާ 19 ގޮޅި ހިމެނެއެވެ.
ކޮންމެ ފަރާތަކަށް ވެސް އެއް ފޯމުލެވޭ ގޮތަށް ކަނޑައަޅާފައިވާއިރު ފޯމް ހުށަހަޅާއިރު އެ ފަރާތަކުން ކުރަންބޭނުންވާ ވިޔަފާރިއާއި ދިމާލުގައި އެއްގޮޅީގައި ފާހަގަ ޖެހުމަށާއި އަދި އެއްވެސް ފަރާތަކުން އެއް ފޯމްއަށްވުރެ ގިނަ ފޯމް ހުށަނޭޅުމަށާއި، އެއްގޮޅިއަށްވުރެ ގިނަގޮޅީގައި ފާހަގަ ޖަހައިފިނަމަ އެ ފޯމެއް ބާތިލް ވާނެ ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ސިޓީ ކައުންސިލުން މީގެކުރިން ދީފައިވާ އެއްވެސް ޚިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް މިހާތަނަށް ނުދައްކާ ވާ ފަރާތެއްނަމަ އެ ފަރާތުގެ ފޯމުވެސް ބާތިލްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައި ވަނީ ގޮޅިތަކަށް ގުރުއަތުލާނީ ގޮޅިތަކުގައި ކުރުމަށް ކަނޑައެޅިފައިވާ ވިޔަފާރިތަކަށް ކެޓަގަރީކުރުމަށް ފަހު އެކަޓަގަރީއަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 50 ޕޮއިންޓުން މަތި ލިބޭ ފަރާތްތަކުގެ މެދުގައި ކަމަށެވެ. އަދި ގުރުއަތުލާނީ ގޮޅިތައް ބެހިފައިވާ ގޮތަށް ،ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އެމާރުކޭޓަކަށް ވަކިވަކިން ކަމުގައި ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
މާރުކޭޓްތަކުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 11 ޖުލައި 2021 ން ފެށިގެން 02 އޮގަސްޓް 2021 ގެ ނިޔަލަށް ،މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް https://malecity.gov.mv އިން އެކަމަށް އެދޭ ފޯމް ނަންގަވައި ފޯމް ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ތަކެއްޗާއެކު ހުށަހެޅުމަށާއި އަދި ފޯމް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 14:00 އަށް މާލޭސިޓީކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭބައި ( ތައިސޭކޮށި ) އޮފީހުން ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ
.ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 02 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 14:00 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!