އަސްލު ގަޓް މީހާ ރައްޔިތުންގެ އަޑު އަހާނެ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މެންބަރު އިސްމާޢީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުން އުފުލަމުން ގެންދާ އަޑަށް އިޙްތިރާމްކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޢަމަލުހިފާ މީހާ ފިނޑިއަކަށްހަދައި އަދި އެބަދަލު ގެންނާން މަސައްކަތް ކުރާފަރާތް އިސްތިއުފާއަށް ގޮވުމަކީ ގަދަމީހުންކުރާ ޒާތުގެ ކަމެއްކަމަށް ދެކެން ދަތިކަމަށެވެ.

Ad
rt

އަސްލު ގަޓް މީހާ ރައްޔިތުންގެ އަޑު އަހާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މެންބަރު އިސްމާޢީލް މިހެން ވިދާޅުވެފައި މިވަނީ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް، އެމްޑީޕީގެ 65 މަޖިލިސް މެންބަރުންނަކީ ފިނޑިންގެ ގޮތުގައި ސިފަކުރަށްވާ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ނަފުރަތުގެ އަމަލު ބަޔާންކޮށް ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަޅާފައިވާ ބިލާއިގުޅިގެން ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި މެންބަރު ޢިސްމާއީލް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އޭނާ ދެއްކެވި ވާހަކާގައި ޤާނޫނުލް އުޤޫބާތަށް ސަރުކާރުން އިސްލާހު ހުށަހަޅައި ފޮނުވާފައިވާ ބިލަކީ ވަރަށް މުހިންމު މަޤްޞަދެއްގައި ސަރުކާރުން މަޖިލީހަށް ފޮނުވި ބިލެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނާއި، ދީނީ ޢިލްމުވެރިން އެ ބިލާ މެދު ކަންބޮޑުވުން އުފެއްދި ހިސާބުން، ރައީސް ޞާލިޙް އެ ބިލުގައި ހުރި ކަންބޮޑުންތަކަށް ޙައްލު ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަން ވިދާޅުވިކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.

"ހަމަ އެއާއެކުގައި އަޅުގަނޑުމެންނަށް ފެނުނީ، ސަރުކާރުގެ ފަރާތުން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މި ބިލަށް އިޞްލާޙުތަކެއް ފޮނުވުނު ތަން. ނަމަވެސް، ހިތާމައަކީ، އެ އިޞްލާޙުތަކަށް މާ ބޮޑަށް ރިޢާޔަތްކުރުމެއް ނެތި މިހާރު މި ބިލު ފާސްކުރެވިފައި އޮތްކަން. ހަމަ އެއާއެކުގައި މިހާ މުހިންމު، މިހާ ޚައްސާސީ
މައްސަލައެއްގައި ލިޔުމުން ގެނެސްގެން މިކަން ކުރަން ނިންމިނިންމުމަކީ އަޅުގަނޑު އިންތިހާއަށް ކަންބޮޑުވާ ކަމެއް." މެންބަރު އިސްމާޢީލް ވިދާޅުވެފަވެއެވެ.

އޭނާ ވަނީ 19 ވަނަ މަޖިލީހުގެ ކޮމިޓީތަކަކީ ވަރަށް ބޮޑަށް ބިލުތައް ދިރާސާކުރުމުގައި އެ ބިލަކާއިގުޅޭ ފަންނީ ބޭފުޅުންނާއި، އެކަމުގެ މާހިރުންގެ ބޭނުންތެރި ޚިޔާލުތައް ހޯދައިގެން ބިލުތައް ނިންމަމުން އަންނަ މަޖިލީހެއް ކަމަށެވެ. ނަމަވެސް އެ ބިލު ނިންމާލާފައި ވަނީ އެފަދަ ފަންނީ ލަފާވެސް ނުހޯދާ އަވަސް އަރުވާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިލު މަޖިލިސްގެ ތަޅުމަށް ފޮނުވާފައި ވަނީ، ސަރުކާރުންނާއި، އެޗް.އާރް.ސީ.އެމުން ވެސް ފޮނުވި ލަފަޔާ މުޅިން އިދިކޮޅަށް ކަމަށާއި، ބިލެއް މަޖިލީހުން ފާސްކުރެވިގެން ދާންޖެހޭނީ ކަމެއް ގޯސްކުރުމަކަށް ނޫންކަމަށާއި، ކަމެއް ރަނގަޅުކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހޫނުގަދަ ބަހުސަކަށްފަހު ބުރާސްފަތި ދުވަހު ވަނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އެ ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފައެވެ.

އެ ބިލު ކޮމެޓީއަށް ފޮނުވުމާ މެދު ނެގި ވޯޓުގައި ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.