ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ދެވަނަ ޑޯޒް ޖެހުމަށް މިއަދު އެ ރަށު އުފަންހިޔާ ކައިރީގައި ވެހެމުންދިޔަ ބޯވާރޭގައި ބޮޑު ކިޔުގައި ގިނަބަޔަކު ތިބެން ޖެހުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ކުޅުދުއްފުށީގައި މި ހަފްތާ ބަންދުގައި ޖުމްލަ 500 ޑޯޒް ކޮވިޝީލްޑް ވެކްސިން ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕޓަލުން ހަމަޖައްސާފައިވާއިރު ހުކުރު ދުވަހު ދިނުމަށް ހަމަޖެހިފައިވާ 300 ޑޯޒް ވެކްޝިން ޖެހުމަށް މިއަދު ގިނަ ބަޔަކު ވަނީ މެންދުރުފަހުގެ ވަގުތުގައި ބޯވާރޭގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ.
ގަދަވަޔާއިއެކު ވެހެމުންދިޔަ ވާރޭގައި އެ ކިޔުގައި ހުރި މީހަކު ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެތަނުގެ އިންތިޒާމް ވަރަށް ދަށް ކަމަށެވެ. މޫސުމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެކަން އެ ހުރީ ފެންނަން ކަމަށާއި ވުމާއެކު ކަންކަން އިންތިޒާމް ކުރާއިރު މިއަށްވުރެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސެން ޖެހޭނެ ކަމަށް ޤަބޫލްކުރާ ކަމަށެވެ. މިއަދު ކަންކަން ވެގެންދިޔަ ގޮތުން ގިނަ ބަޔަކު ހިތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖުމެންޓާއި މެދު ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައިވާ ކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
"އަބަދުވެސް މި ފެންނަނީ ކަމެއް ދިމާވީމަ، މީހުން ފާޑު ކީމަ، ކަންކަން ހައްލުވެގެން ދާތަން، ދިމާވެދާނެ ކަންކަމާއި ވިސްނައި ކުރިން އެކަންކަން ހައްލު ކުރުމުގެ ވިސްނުން މި ފެންނަނީ ވަރަށް ކުޑަކޮށް"
ތިލަދުންއާއި ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.
މިހާރު ސޯޝަލް މީޑިއާގައި އެ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވަމުން އަންނަ އިރު ވަރަށް ދިގު ކިޔުގައި ބޯވާރޭގައި ގިނަ ބަޔަކު ތިބިތަން ފެނިގެން ދެއެވެ.
10 ޖުލައި 2021 (ހޮނިހިރު) ގައި ޖެހުމަށް ހަމަޖެހިފައިވާ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުން ކުރިޔަށް ދާނީ އަފީފުއްދީން ސްކޫލް ހޯލުގައިކަމަށް ކޭއާރުއެޗް އިންހާމަކުރެއްވި އެވެ.
“މާދަމާ ދޫކުރުމަށް ހަމަޖެހިފައި ވަނީ 200 ނަމްބަރ. ވެކްސިން ޖެހުން ކުރިޔަށް ދާނީ މެންދުރު ފަހު 1500 އިން ފެށިގެން. މިއަދު ވެކްސިން ޖެހުމުގައި ދިމާވެފައިވާ ދަތިތަކަށް ރައްޔތުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން. އަދި މިފަދަ އިންތިޒާމްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން. ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަން.”
ކޭއާރުއެޗްގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މިއަދު ގިނަބަޔަކު ދިގު ކިޔުގައި ބޯވާރޭގައި ތިބެން ޖެހުމުގެ ސަބަބުން ޝަކުވާ ބޮޑުވުމާއި ގުޅިގެން ހޮނިހިރު ދުވަހު (މާދަމާ) ދިނުމަށް ހަމަޖެހިފައިވާ 200 ޑޯޒް ވެކްސިން ދިނުމުގެ އިންތިޒާމް މިހާރު ވަނީ އަފީފުއްދީން ސްކޫލް ހޯލުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!