އިންޑިއާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

modi india

އަވަށްޓެރި އިންޑިއާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާގެ ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގޮތުން، ކެބިނެޓްގެ 12 މިނިސްޓަރެއް ވަނީ މިދިޔަ ބުދަ ދުވަހު އެއް ފަހަރާ އިސްތިއުފާ ދެއްވާފައެވެ.

މި ބަދަލު މިގެންނެވީ، ކޯވިޑްބަލީގެ ހާލަތުގައި މޯދީގެ ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވުމުން އެކަންކަން ރީތިކުރުމުގެ ގޮތުންނާއި، ސަރުކާރުގެ ތަސައްވުރު ރީތި ކުރެއްވުމުގެ ގޮތުންކަމަށް ވެއެވެ.

މީގެއިތުރުން މިއީ އެ ގައުމުގެ ހަތް ސްޓޭޓެއްގެ އިންތިހާބު އަންނަ އަހަރު ބާއްވަން ތައްޔާރުވަމުން އެކަމަށް ތައްޔާރު ވުމުގެ ވެސް ގެނައި ބަދަލެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހު މޯދީގެ ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ކޯވިޑްގެ ހާލަތު މެނޭޖުކުރުމުގައި އެންމެ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފާ އުމުރުން 66 އަހަރު ހެލްތު މިނިސްޓަރު ހަރްޝް ވަރްދަން ހިމެނިވަޑައި ގަންނަވައެވެ. މިދިޔަ މޭމަހު އިންޑިއާގެ ކޯވިޑްގެ ހާލަތު އެތައް ގުނައެއް ގޯސްވެ ހޮސްޕިޓަލްތައް ފުރި އޮކްސިޖަން ހުސްވުން ފަދަ އެތައް ކަމެއް ދިމާވުމުން އޭނާ ހުންނެވީ ވަރަށް ބޮޑު ޕްރެޝަރެއްގައެވެ.

މީގެއިތުރުން އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައިބޮޑުވަޒީރު މޯދީއާއި ވަރަށް އަރިސް ބޭފުޅެއްކަމަށްވާ ލޯ އެންޑް ޖަސްޓިސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރަވީ ޝަންކަރް ޕްރަސާދް އާއި، އެންވާރަމަންޓް، ފޮރެސްޓްސް އެންޑް ކްލައިމެޓް ޗޭން އަދި އިންފޮމޭޝަން، ބްރޯޑްކާސްޓިން އެންޑް ހެވީ އިންޑަސްޓްރީޒްގެ މިނިސްޓަރުކަން ކުރައްވާ ޕްރަކާޝް ޖާވަދޭކަރް އާއި އެޑިއުކޭޝަން މިނިސްޓަރު ރަމޭޝް ޕކްރިޔާލް ނިޝާންކް ވެސް ހިމެނި ވަޑައިގަންނަވައެވެ.

އައު ހެލްތު މިނިސްޓަރަކަށް މޯދީ އައްޔަން ކުރެއްވީ، މަންސުކް ލަކްސްމަން މަންޑަވިޔާއެވެ. އޭނާ ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ހަރްޝް ވަރްދާންއާއި އޭނާގެ ނައިބް އިސްތިއުފާ ދެއްވުމަށް ދެންނެވިތާ މާ ގިނައިރެއް ނުވަނީހެވެ.

ސަރުކާރުގެ ތަސައްވުރު ރީތިކުރުމަށް ބޮޑުވަޒީރު މޯދީ ކެބިނެޓަށް ގެންނެވި ބަދަލުގެ ތެރެއިން 15 މިނިސްޓަރުންނާއި، 28 ޖޫނިއަރ މިނިސްޓަރުން އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުގެ ކުރިފުޅުމަތީގައި އިއްޔެ މަގާމުގެ ހުވާ ކުރައްވާފައި ވާއިރު، މޯދީގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިންމަވައި، ކެބިނެޓުން ވަކިކުރެއްވި 12 ބޭފުޅަކު އަލުން ކެބިނެޓަށް ވަނީ ގެންނަވާފައެވެ.

އިންޑިއާ މިވަގުތު ވެސް އޮތީ ކޯވިޑްގެ ރާޅެއްގެ ދަށުގައެވެ. އެ ގައުމުގެ ވެކްސިން ޕްރޮގްރާމް ފެއިލްވެ ސިއްހީ ނިޒާމްގައި އެތައް ބާގަނޑެއް އުފެދިފައިވާ ކަމަށް ބުނެ މޯދީގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ކޯވިޑްބައްޔަށް މީހުން ހުށަހެޅުނު ޤައުމެވެ. އެ ގައުމުގެ 30 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާއިރު 4 ލައްކައަށްވުރެ ގިނަ މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި