ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޑެންމާކް ބަލިކޮށް އިންގްލެންޑުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިންގްލެންޑް މެޗު ކާމިޔާބު ކޮށްފައިވަނީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުންނެވެ.
މި މެޗުގައި ގިނަވަގުތު ބޯލަ ހިފަހައްޓައިގެން އިންގްލެންޑުން ކުޅުނު ނަމަވެސް މެޗުގައި ލަނޑުޖަހައި ފުރަތަމަ ލީޑު ނަގާފައި ވަނީ ޑެންމާކުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި އިންގްލެންޑްގެ އޭރިޔާމަތިން ލިބުނު ހިލޭޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޒުވާން ފޯވާޑް މިކެއިލް ޑެމްސްގާޑެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑުން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ 39 ވަނަ މިނެޓުގައި ބަކަޔޯ ސަކާ ޑެންމާކްގެ އޭރިއާ ތެރޭގައި ހުރި ރަހީމް ސްޓާލިން އަށް ހުރަސްކުރި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޑެންމާކްގެ ކެޕްޓަން ސިމޮން ކިއާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރު ވެފައި އޮތުމުން އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނެވެ. އިންގްލެންޑުން މެޗު ކާމިޔާބު ކޮށްފައި ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު ވަގުތު ޑެންމާކްގެ އޭރިއާތެރެއިން އެ ޓީމްގެ ޑިފެންޑަރުން އިންގްލެންޑްގެ ފޯވާޑް ސްޓާލިންއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ޑެންމާކްގެ ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާކުރިއެވެ. ނަމަވެސް ރެފްރީވަނީ އެއީ ޕެނަލްޓީއެއް ކަމަށް ނިންމާފައެވެ. ކޭން ފޮނުވާލި ޕެނަލްޓީ ޑެންމާކްގެ ކީޕަރު ދިފާއި ކުރި ނަމަވެސް ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންގްލެންޑުން ވަނީ މެޗު ކާމިޔާބު ކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.
މިއީ އިންގްލެންޑުން 1966 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އިންގްލެންޑުން މީގެ ކުރިން ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅުނީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައެވެ.
އިންގްލެންޑާއި އިޓަލީ ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތާ ދުވަހުގެ ރޭ 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!