ޤާނޫނީ ވަކީލުން އެއްބައަކު އަނެއް ބައަކަށް ފުރައްސާރަކުރުމާއި ހަނގާކުރުމުން ދުރުވެ ތިބުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިލްތިމާސް ކުރަށްވައިފިއެވެ.
ބާ ކައުންސިލުން މިގޮތަށް އިލްތިމާސް ކުރެއްވީ، ޤާނޫނީ ވަކީލުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނީ ފަންނާއި ޢާންމު ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމާއި ގުޅޭ ގޮތުންނެރުނު އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބާ ކައުންސިލް ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިއާއި އެހެނިހެން ޕްރައިވެޓް ގްރޫޕްތަކުގައި ޤާނޫނީ ވަކީލުން އެއްބައަކު އަނެއް ބައަކަށް ފުރައްސާރަކުރުމާއި ހަނގާކުރުން އިތުރުވަމުންދާ ކަމަށެވެ.
އެހެންކަމުން މި ޢަމަލުތަކާއި، މި ޢަމަލުތަކުގެ ސަބަބުން ޤާނޫނީ ދާއިރާގައި އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށް ހުރަސް އެޅެމުންދާތީ، މިކަމާމެދު އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް، އެފަދަ ޢަމަލުތަކުން ޤާނޫނީ ވަކީލުން ދުރުވެތިބުމަށް އިލްތިމާސް ކުރަށްވާ ކަމަށް އެ ކައުންސިލުން ވިދާޅުވެފަވެއެވެ.
"ޤާނޫނީ ވަކީލުންނަކީ ޤާނޫނުގެ ވެރިކަމާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައަކަށްވާތީ، ޤާނޫނީ ވަކީލުންނަކީ ޤާނޫނީ ފަންނުގެ ސުލޫކީ މިންގަނޑުތައް ހިފަހައްޓަންޖެހޭ، އެހެން މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، ނަޒާހާތްތެރި ބައަކަށް ވާންޖެހެއެވެ." ބާ ކައުންސިލުން ވިދާޅުވެފަވެއެވެ.
ޤާނޫނީ ވަކީލުންގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެކު، ޤާނޫނީ ފަންނުގެ އެހެން ފަރާތްތަކުގެ ޙައްޤުތަކަށް ވެސް ޤާނޫނީ ވަކީލުން ރައްކާތެރިވާންޖެހޭތީ، ވަކީލުންގެ މަސައްކަތާ ގުޅުން ހުރި ކަންކަމުގައި ސޯޝަލް މީޑިއާ، އަދި އެނޫންވެސް ޕަބްލިކް ޕްލެޓްފޯމް ތަކުގައި ޙަރަކާތްތެރިވާއިރު، ޤާނޫނީ ވަކީލުން ޢަމަލު ކުރަންޖެހޭ މިންގަނޑުތައް ހިފަހައްޓައި، ޤާނޫނީ ފަންނުގެ މިންގަނޑުތަކަށާއި ޤާނޫނާއި ގަވާއިދަށް ޚާއްސަ ސަމާލުކަމެއް ބެހެއްޓުމަށް، އެންމެހާ ޤާނޫނީ ވަކީލުންނަށް ހަނދާންކޮށްދޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އެއްވެސް ޤާނޫނީ ވަކީލަކަށް، އެ ނޫސްބަޔާނުގައި ބާޔާންކޮށްފައިވާ ފަދަ އެއްވެސް ބާވަތެއްގެ، އަދި މިނޫންވެސް، ޤާނޫނީ ޚިދުމަތް ދިނުމަށް ހުރަސްއެޅޭ ބާވަތުގެ ފުރައްސާރަ ކުރުމާއި ހަނގާކުރުމާ ކުރިމަތިލާން ޖެހިފައިވާނަމަ، އެކަން ލަސްނުކޮށް އެ ކައުންސިލުގެ ސަމާލުކަމަށް ގެނެސްދިނުމަށް ވެސް ބާ ކައުންސިލުން ވަނީ ޤާނޫނީ ވަކީލުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!