އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތިކަމުގެ ތެރެއިން ޢާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށްޓަކައި މީހުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ޔޫއެންއެފްޕީއޭ އާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދެމުންދިޔަ ގެވެށި ގުޅުން "ސާސްތްރަ" ޕްރޮގްރާމްގެ އެންމެ ފަހު އެޕިސޯޑުގައި ރޭ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާވަނީ، މީޑިއާތަކުން ގެނެސްދޭ ބައެއް އިޝްތިހާރުތަކުން ގޭތެރޭގެ މައްސަލަތައް ފާހަގަވާގޮތަށް އިޝްތިހާރު ގެނެސްދިނުމުގެ ބަދަލުގައި ގޭތެރޭގައި މީހުން މުޢާމަލާތްކުރާ ރަނގަޅުގޮތްތަކާއި، ރަނގަޅު އާދަތައް އިޝްތިހާރުތަކުން ވެސް ދައްކައި އެއް މެސެޖެއް މުޖުތަމަޢަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މީގެއިތުރުން އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތިކަމުގެ ތެރެއިން ޢާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމުކަމަށާއި، އަދި އެފަދަ ވަގުތުތަކުގައި ފޯނާއި ދުރުވެ، އެކުވެރިކަމާއި އެކު ގޭތެރޭގެކަންކަން އިންތިޒާމްކޮށް ޢަމަލުތައް ހެޔޮގޮތުގައި ބަހައްޓާނަމަ މުޖުތަމަޢު ތެރޭގައި އުޅޭއިރުވެސް އެ ރީތި އާދަތައް މި ގޮތަށް ހުރުން ގާތްކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.
އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ވަނީ ގޭތެރޭގައި އެކަކު އަނެކަކާ މުޢާމަލާތް ކުރާއިރު، ލޯތްބާއި އިޙްތިރާމާއެކީ މައިންބަފައިން ވާހަކަދެއްކުމަށް ބާރު އަޅުއްވާފައެވެ. އެކަމުން ދަރިންނަށް ރައްކާތެރިކަމާ އަމާންކަން އިހުސާސްވޭނެކަމުގައި ފާހަގަ ކުރަށްވައި ވިދާޅުވީ، ކުދިންގެ ނުވަތަ ބޮޑެތިމީހުންގެވެސް ޢަމަލެއް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ފައްސި ބަސް ބޭނުންކުރުމަށް ސަމާލުކަންދިނުމަށް ބޭނުންތެރިކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ޢަމަލު ބަދަލުކުރަން ފަސޭހަވާނެކަމަށް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވައިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި އެންމެ ފަހު ނުކުތާއެއްގެ ގޮތުން ފާހަގަ ކުރައްވާފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އެކަމުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދިނުމުގެ މައްޗަށެވެ.
އެގޮތުން އެކަމަނާ ވަނީ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމުން އެކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ލިބޭނެ މަގުފަހިކޮށްދިނުން މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ. މިސާލަކަށް ދަރިފުޅަށް ޚަރަދު ނުދިނުމުން ދާންވީ ކޮންތާކަށްތޯ ފުރަންވީ ކޮންފޯމެއްތޯ، ފޯމް ފުރަންވީ ކިހިނެތްތޯ ނޫންނަމަ ޖިންސީ ގޯނާ ނޫނީ ރޭޕްގެ މައްސަލައެއްނަމަ ފުލުސް އޮފީހުންނާއި، ހޮސްޕިޓަލުން ޢަމަލުކުރަން އޮންނަނީ ކިހިނެއްތޯ، މިފަދަ މަޢުލޫމާތު މީހުންނަށް އެނގި ސަޕޯޓް ސިސްޓަމް ވަރުގަދަ ކުރެވިއްޖެނަމަ އެމީހުން ބާރުވެރިވުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ތަޖުރިބާކާރުން ބުނާކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މި ހުރިހާ ކަމަކީ މިނިސްޓްރީއިން އެކަނި ކުރެވޭނެކަމެއްކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށާ ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުން ވެސް މިފަދަ މަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުން މުހިންމު ކަމުގައި އެކަމަނާ ދެކިވަޑައިގަންނަވާ ކަމުގައި މިއަދުގެ މެސެޖުގައި ފާހަގަކުރެއްވެވިއެވެ.
ސާސްތުރަ ޕްރޮޤްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މި ސިލްސިލާތަކުން އެކަމަނާއަށް ފާހަގަވި އެއްކަމަކީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމުކަން ކަމުގައެވެ. އެހެންކަމުން ބަދަހި ގެވެށި ގުޅުމެއް ބިނާކުރުމަށްޓަކައި، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށާ ފިރިހެނުންނަށް އެނގުން މުހިންމުކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ.
ސާސްތުރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ޤައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާ 'ޑޮމެސްޓިކް ވައިލެންސް' އާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި، ގެވެށި އަނިޔާ ރިޕޯޓުކޮށް މިކަމަށް ބާރުވެރިކުރުވުމަށް ގެނެސްދެމުން އައި ސިލްސިލާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!