އުތުރުގެ ކަނޑޫފާ މަރުވަމުންދާ ރަށްރަށުން ނެގުނު ސާމްޕަލްތަކުން، ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ބާވަތްތަކުގެ ގަސްތަކަށް ބަލިޖައްސާކަމަށް މީގެ ކުރިން ފާހަގަވެފައިވާ ބާވަތެއްގެ "ފަންގަސް" ފެނިފައިވާ ކަމަށާއި، ނަމަވެސް ކަނޑޫފާ ގަސްތައް މަރުވަމުންދަނީ މި"ފަންގަސް"ގެ ސަބަބުންކަން ޔަގީން ކުރެވޭނީ އިތުރު ތަހުލީލުތަކެއް ކުރެވިގެން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެ މާރޗްމަހުން ފެށިގެން، ރާއްޖޭގެ އުތުރުގައިވާ އެންމެ ބޮޑެތި ކަނޑޫފާތަކުން ގިނަ ޢަދަދަކަށް ގަސްތައް ގޮތްނޭގޭގޮތަކަށް މަރުވަމުންދިޔުމާއި ގުޅިގެން، އެ ގަސްތައް މަރުވަމުންދާ ސަބަބު ހޯދުމަށް، އެ އެޖެންސީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ad
rt

މިގޮތުން، މިދިޔަ ޖުލައި މަހު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ދިރާސާތަކެއްވަނީ ކުރެވިފައި ކަމަށް އީޕީއޭއިން ބުންޏެވެ.

މި ދިރާސާގެ ހޯދުންތަކުން ކަނޑޫފާތައް މަރުވަމުންދާ ސަބަބު ކަނޑައެޅިގެން ހޯދިފައިނުވާތީ، ކަނޑޫފާތައް މަރުވަމުން ދިޔުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރު ތަހުލީލުތަކެއް ކުރަންޖެހޭތީ، ކަނޑޫފާ އެންމެ ބޮޑަށް މަރުވަމުންދާ ރަށްރަށުން، ނެގިފައިވާ ގަހުގެ ސާމްޕަލްތައް، އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ފޮނުވި ތަޙްލީލްތަކެއް ކުރެވިފައިވާ ކަމަށް އެ އެޖޭންސީން ބުންޏެވެ.

"މިތަހްލީލްތަކަކީ ކަނޑޫފާގައި ހެދޭ ގަސްގަހުގެ ފަތާއި، ގަސްގަނޑުގެ ތޮށި، ވެލި، އަދި ކުޅީގެ ފެންނަގައިގެން ކުރެވުނު ތަޙްލީލްތަކެކެވެ. ކޮޗިން ޔުނިވާރސިޓީއާ ގުޅިގެން ކަނޑޫފާ މަރުންވަމުންދިޔަ 7 ރަށަކުންނާއި ކަނޑޫފާ މަރުވުމުގެ އަސަރު ނުފެންނަ 2 ރަށަކުން، ފެނާއި ވެލި ތަހުލީލުކޮށް ބެލިބެލުމުން، ފެނާއި ވެލީގައި އެކުލެވިފައިވާ "ނިޔުޓްރިއެންޓްސް"ގެ މާއްދާތައް ހުރި މިންވަރު، ދިވެހިރާއްޖެފަދަ ހޫނު ގައުމުތަކުގެ ކުޅި، ފައު އަދި ޗަސްބިންތަކާއި ދާދިއެއްގޮތްކަމަށް ވަނީ ފާހަގަކުރެވިފައެވެ." އީޕީއޭއިން ބުނެފަވެއެވެ.

https://thiladhun.wonstasite.com/66818

މީގެ އިތުރުން، ހެވީމެޓަލް ގެ އަސަރެއް މީގެ އެއްވެސް މާހައުލަކުން އަދި ފާހަގަ ކުރެވިފައި ނެތްކަމަށާއި، މިމާހައުލުތަކުގެ ވެއްޔާއި ފެން، އަދި ކަނޑޫގަސްތަކުގެ މުލާއި، ފަތާއި، ތޮށީގައި އެއްވެސް ޖަރާސީމެއްވޭތޯ ބެލިބެލުމުން، މިފަދަ މާހައުލުންނާއި މިފަދަ މާޙައުލުތަކުގައި ހެދޭ ގަސްގަހުން ނުފެންނަ، މާގިނަ ބަލިޖައްސާފަދަ ލޮލަށް ނުފެންނަ ބާވަތްތަކުގެ ކުދި ދިރުންތައް ފާހަގަވެފައެއް ނުވާކަމަށް އެ އިދާރާއިން ބުނެފަވެއެވެ.

"ނަމަވެސް، ކަނޑޫފާ މަރުވަމުންދާ ރަށްރަށުން ނެގުނު ސާމްޕަލްތަކުން، ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ބާވަތްތަކުގެ ގަސްތަކަށް ބަލިޖައްސާކަމަށް މީގެ ކުރިން ފާހަގަވެފައިވާ ބާވަތެއްގެ "ފަންގަސް" އެއްވަނީ ފެނިފައިވެއެވެ. މިހާރު ކުރެވުނު ތަހްލީލްތަކުން ހޯދިފައިވާ ފަންގަސް" އަކީ، ތަފާތު ސަބަބުތަކާއި ގުޅިގެން ކަނޑޫތައް ބަލިކަށިވުމަށް (ސްޓްރެސް ވުމަށް) ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކޮށްފާނެ ފަންގަސްއެއް ކަމަށް ތަހްލީލްތަކުން ދައްކައެވެ." އީޕީއޭއިން ބުނެފަވެއެވެ.

ނަމަވެސް، ދިވެހިރާއްޖޭގެ ކަނޑޫފާ ގަސްތައް މަރުވަމުންދަނީ މި"ފަންގަސް"ގެ ސަބަބުންކަން ޔަގީން ކުރެވޭނީ ތަހުލީލުކުރެވޭ "ސާމްޕަލް ސައިޒް" ބޮޑުކޮށް، ދިގުމުއްދަތަށް އިތުރު ތަހުލީލުތަކެއް ކުރެވިގެން ކަމަށް އެ އިދާރާއިން ވަނީ ފާހަގަ ކުރައްވާފައެވެ.

https://thiladhun.wonstasite.com/54206

ކަނޑޫފާތަކުން ފެނިފައިވާ ސޫފާސޫފިތައް އިތުރަށް ތަހުލީލުކޮށް މީގެން ގަސްތަކަށް ކޮށްފާނެ އަސަރު ދެނެގަނެ، ބަޔާން ކުރުމަށް، އިލްމީ މާހިރުންގެ އިތުރު "ފީލްޑް ވިޒިޓް" ތަކާއި، ސައިންޓިފިކް ތަހުލީލުތައް ކުރަންޖެހިފައިވާ ކަމަށާއި، އެހެންކަމުން، މިކަމުގައި އީ.ޕީ.އޭއާކު މަސައްކަތްކުރަމުން ގެންދަވާ އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޓީމެއް ވީހާވެސް އަވަހަކަށް މިރަށްރަށް ޒިޔާރަތްކޮށް، އިތުރު ސާމްޕަލްތައް ނަގައި، އިތުރު ތަހުލީލުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

"އިންސާނުން ދިރިއުޅޭ ހިސާބުތަކުގައި ހެދިފައިވާ ކުޅި، ފައު އަދި ޗަސްބިންފަދަ ސަރަހައްދުތަކަކީ ގިނަ ބާވަތްތަކުގެ ސްޓްރެސް ތަކަށް ހުށަހެޅިފައިވާ މާހައުލުތަކެކެވެ. ދިވެހިރާއްޖެފަދަ ތަރައްޤީވަމުންއަންނަ ގައުމުތަކުގައި މިފަދަ މާހައުލަތަކަށް އިންސާނުންގެ ފަރާތުންނާއި މޫސުމަށް އަންނަ ބަދަލުތަކުންނާއި އަދި ބައެއް ޤުދުރަތީ ކަންކަމާއި ގުޅިގެން، މި ސަރަޙައްދުތަކުގެ މާޙައުލުތަކަށާއި ފެންދައުރުވުމަށް ބަދަލު އަންނަމުންދާކަމަށް ފާހަގަކުރެވެއެވެ. އަދި ކަނޑޫފާ މަރުވުމުގެ މައްސަލައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރެވެއެވެ." އީޕީއޭއިން އިތުރަށް ބުނެފަވެއެވެ.

https://thiladhun.wonstasite.com/43406

މިގޮތުން، "ޓްރޮޕިކް" ސަރަޙައްދުގެ ކަނޑޫފާތަށް މަރުވަމުންދާކަން ދަނީ ފާހަގަކުރެވެމުން ކަމަށާއި، ތިމާވެށީގެ ވަސީލަތްތަކަށް އަންނަ ބަދަލުތަކަކީ ދެނެގަތުމަށް ގިނަދުވަސް ނަގާނެކަން ފާހަގަކޮށް، ދިރާސާކޮށް ޙައްލެއްހޯދުމަށް ދިގުމުއްދަތަށް ނަގާނެކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކިހިސާބުތަކުގެ ކަނޑޫފާތައް މަރުވަމުންދާކަމުގެ ރިޕޯޓުތައް ލިބިފައިވާއިރު މިފަހުން ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ހާމަވި ގިނަ ކަނޑޫފާތައް ހުރި ރަށްތައް ނިސްބަތްވަނީ ރާއްޖޭގެ އުތުރަށެވެ. އެރަށްތަކުގެ ތެރޭގައި ހއ. އުލިގަމު، ހއ. ކެލާ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. ކުމުންދޫ، ހދ. ކޭލަކުނު، ށ. ފޭދޫ، ށ. ފަރުކޮޅު ހިމެނެއެވެ.

މީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ''ސޭވް މޯލްޑިވްސް'' ހަރަކާތުން، އެ ހަރަކާތަށް ކަނޑޫފާތައް މަރުވަމުންދާ ކަމަށް ރިޕޯޓުލިބިފައިވާ ރަށްތަކުގެ ތެރޭގައި އިސްވެ ދެންނެވުނު ރަށްތަކުގެ އިތުރުން ށ. ގޮއިދޫ އަދި ނ. ކެނދިކުޅުދޫ ހިމެނޭ ކަމަށް ހާމަކޮށްފައިވެއެެވެ. މި ލިސްޓަށް އެންމެފަހުން އިތުރުވެފައި ވަނީ ގދ. ހޯނޑެއްދޫ އެވެ.