ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕެރޫ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.
ބްރެޒިލްގެ އެސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ރޭ ފަތިހު ކުޅުނު ސެމީ ފައިނަލް މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ބްރެޒިލުން ވަނީ މި މެޗުގައި ޕެރޫގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން މެޗުގެ އަށާރަ ވަނަ މިނެޓުގައި ބްރެޒިލްގެ ތަރި ނޭމާއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ހަމަލާ ޕެރޫގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ނޭމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމްގެ ޒުވާން ފޯވާޑް ލޫކަސް ޕަކުއޭޓާއެވެ.
މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޕެރޫއިން ވަނީ ނުރައްކާތެރި ހަމަލާއެއް ބްރެޒިލްގެ ގޯލަށް ފޮނުވާލާފައެވެ. ޕެރޫގެ ފޯވާޑް ލަޕަޑޫލާ ފޮނުވާލި ހަމަލާ ބްރެޒިލްގެ ކީޕަރު އެޑާސަން ވަނީ ދިފާއު ކޮށްފައެވެ. މީގެ އިތުރުން މެޗުގެ 80 ވަނަ މިނެޓުގައި ވެސް ޕެރޫއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެ ޓީމްގެ ރަޒިއެލް ގާޝިއާ ބޮލުން ފޮނުވާލި ހަމަލާ ގޮސްފައި ވަނީ ބްރެޒިލްގެ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުން މޮޅުވުމާއެކު ބްރެޒިލްއަށް ފައިނަލްގެ ޖާގަ ލިބިގެން ގޮސްފައިވާއިރު އެ ޓީމް ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ މިރޭ ސެމީގެ ދެވަނަ މެޗުގައި އާޖެންޓީނާއާއި ކޮލަމްބިއާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!