އަވަށްޓެރި ސްރީލަންކާގައި ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު މި މަހުގެ 16ގެ ނިޔަލަށް ބަންދުކޮށްފިއެވެ.
އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އެމީހާ ހައްޔަރުކުރީ ހަށިވިއްކުމުގެ ބޮޑު ނެޓްވޯކެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ކަސްޓަމަރެއްގެ ހައިސިއްޔަތުން އެ ނެޓްވޯކަށް އެހީތެރިވެދޭކަމުގެ ތުހުމަތުގައެވެ.
އެ މައްސަލާގައި މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުން ހައްޔަރުކުރީ އޮންލައިންކޮށް ހަށިވިއްކުމުގެ ވަގުވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެކަމަށް ހާއްސަކޮށްފައިވާ ހަތަރު ވެބްސައިޓެއް ހިންގާ ބަޔަކާއި، އެމީހުން އެކަމުގައި ބޭނުންކުރަމުން އައި ގެސްޓު ހައުސް މައުންޓް ލެވޭނިއާގެ މެނޭޖަރުވެސް ހައްޔަރުކޮށްފައިވެއެވެ. އަދި އެ ކުޑަކުއްޖާގެ މަންމަ ވެސް ހައްޔަރުކޮށްފައިވާއިރު ވެބްސައިޓްތަކުގައި އިޝްތިހާރު ޖެހި ބަޔަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
މީގެ އިތުރަށް ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތުގައި ވެސް ބަޔަކު ހައްޔަރުކޮށްފައިވާއިރު، މުޅި މި ނެޓްވޯކްގެ އެންމެ އިސް މީހާ މިދިޔަ މަހު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޔަރުކުރި ދިވެއްސަކީ ދިވެހި ސަރުކާރުގެ ކުރީގެ ސްޓޭޓް މިނިސްޓަރެކެވެ.
ލަންކާ ފުލުހުންނާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ދިވެހި މީހާއަކީ މުހައްމަދު އަޝްމަލީ ކިޔާމީހެކެވެ. އެއީ ރައީސް ޔާމީނުގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، ދިރާގުގެ ޗެއާމަންކަން ކުރެއްވި އަޝްމަލީ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!