މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކަނިވެސް ހައިކޯޓަށް 300ށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ހައިކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހައިކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު އެންމެ ގިނަ މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނީ މެއި މަހު އެވެ. އެއީ 76 މައްސަލައެވެ. ޖެނުއަރީ މަހު 58 މައްސަލަ ފެބްރިއަރީ މަހު 56 މައްސަލަ މާޗު މަހު 64 އަދި އޭޕްރިލް މަހު 52 މައްސަލައިގެ އިތުރަށް ޖޫން މަހު ހުށަހެޅި 48 މައްސަލައާ އެކު ޖުމްލަ 354 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަދަނީ މައްސަލަތަކެވެ. އެ ބާވަތުގެ 81 މައްސަލަ ހުށަހަޅާފައިވާއިރު ޖިނާއި 73 މައްސަލަ ވަޒީފާގެ 38 މައްސަލަ އަދި ޓެކްސްގެ 19 މައްސަލަ ވެސް ހުށަހަޅާފައިވެއެވެ. މީގެ އިތުރަށް އާއިލީ 12 މައްސަލަ އިންތިހާބީ 7 މައްސަލަ ތަހުވީލުގެ 7 މައްސަލަ އަދި މޮނިކޮންގެ ހަތަރު މައްސަލަ ހުށަހަޅާފައިވާއިރު، ދުސްތޫރީ އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނުވެއެވެ.
ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެ ކޯޓުން ރެޖިސްޓްރީކޮށްފައި ވަނީ 240 މައްސަލައެވެ. 117 މައްސަލަ ވަނީ ރިޖެކްޓްކޮށްފައެވެ. އެގޮތުން ޖެނުއަރީ މަހު 19 މައްސަލަ ރިޖެކްޓުކޮށް 24 މައްސަލަ ރެޖިސްޓަރކޮށްފައިވާއިރު ފެބްރުއަރީ މަހު 9 މައްސަލަ ރިޖެކްޓުކޮށްފައިވެއެވެ. އަދި މާޗު މަހާއި މެއި މަހު 26 މައްސަލަ ރިޖެކްޓުކޮށްފައިވާއިރު އޭޕްރިލް މަހު 13 އަދި ޖޫން މަހު 24 މައްސަލަ ރިޖެކްޓުކޮށްފައިވެއެވެ.
އެކޯޓުން ފުރަތަމަ ހަ މަސްދުވަސް ތެރޭގައި ޖުމްލަ 357 މައްސަލައެއް ބަލާ ނިންމާފައިވެއެވެ. އެގޮތުން އެންމެ ގިނަ މައްސަލަ ބަލާ ނިންމާފައި ވަނީ މާޗު މަހުއެވެ. އެއީ 100 މައްސަލައެވެ. ދެވަނަ އަށް ޖޫން މަހު 52 މައްސަލަ ނިންމި އިރު ޖެނުއަރީ މަހު 74 މައްސަލަ ބަލާ ނިންމާފައިވެއެވެ.
އެންމެ މަދު މައްސަލަ ނިންމީ އޭޕްރިލް މަހުއެވެ. އެއީ 29 މައްސަލައެވެ. މއި މަހު 40 އަދި ފެބްރުއަރީ މަހު 32 މައްސަލަ ނިންމާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!