ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ، މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށްވަދެ، މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް ބޯޓުގެ ވެރިފަރާތް ކަމަށެވެ.
އެ ފަރާތް ޖޫރިމަނާކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެދަށުން 4 ލައްކަ ރުފިޔާއިންކަމަށް ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ޖޫން 20 ވަނަ ދުވަހު މި މަސްބޯޓު ފެނިފައިވަނީ ލ. އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ސީލައިން-03" ނަމަކަށްކިޔާ ދޯންޏަށެވެ. މި ކަމުގެ ރިޕޯޓް އެ ދޯނިން، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ޖޫން މަހުގެ 19 ވަނަ ދުވަހުގެ 15:21 ގައި ކުރިއެވެ.
މި މަސް ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، މި ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ލ. އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުންނެވެ.
މި ބޯޓު ކޯސްޓްގާޑްގެ ބެލުމުގެދަށަށް ގެނެވުނު އިރު ބޯޓުގައި ފަސް ފަޅުވެރިން ތިއްބިކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް އަދި އޭގައި ތިބީ ކޮން ގައުމެއްގެ ފަޅުވެރިންނެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!