ތިމާމެން ނުރުހޭ ކޮންމެ މީހެއްގެ ގައިގާ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ލޭބަލް އެޅުވުމާއި، ނުރުހޭ ކޮންމެ މުއައްސަސާއަކީ ވެސް އެފިކުރަށް ތާއީދުކުރާ ބައެއްކަމަށް ހެދުން ހުއްޓާލަންވެއްޖެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

Ad
rt

ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، ތިމާމެން ނުރުހޭ ކޮންމެ މީހަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގޮތުގައި ލޭބަލް ކުރުމާއި، ތިމާމެން ނުރުހޭ ކޮންމެ މުއައްސަސާއަކީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ތަނެއްގެ ގޮތުގައި ލޭބަލް ކުރުން ހުއްޓާލަންވެއްޖެ ކަމަށެވެ.

"ހުރިހާ ކަމެއްގެ ނިވާފަތްގަނޑަކަށް " ހަރުކަށި ފިކުރު" ގެ ލޭބަލް ޖެހުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް" ސެއިޚް ވިދާޅުވެފައި ވެއެވެ.

ސެއިޚް އިބްރާޙީމް ރަޝީދު ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާ މިހާރު ތަޅުމަށް ފޮނުވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރާ "ނަފުރަތުގެ އަމަލު ބަޔާންކުރާ" ބިލާ ގުޅޭގޮތުން ވެސް ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ.

މިގޮތުން އެ ބިލު މަޖިލީހުން ފާސްކުރުމާއި ދެކޮޅަށް ހުރިހާ ރައްޔިތުން ވެސް އަޑު އުފުލަންޖެހޭ ކަމަށް ސެއިޚް ވިދާޅުވެފަވެއެވެ.

ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް ބުނެ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް ދީނީ އިލްމްވެރިޔާ ޑރ. އިޔާޟު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މިމަހުގެ 2 ވަނަ ދުވަހު އެމްއެންޔޫއިން ބުނެފައި ވަނިކޮށް، ޑރ. އިޔާޟަކީ ދިވެހިރާއްޖޭގެ ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ހީވާގި ސެއިޚެއް ކަމަށާއި، ޑރ. އިޔާޟަށް ސާބިތުކަން ދެއްވުމަށް އެދިވެސް ސެއިޚް ރަޝީދު ވަނީ ޕޯސްޓެއް ކުރަށްވާފައެވެ.