ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ އިތުބާރު މިޑްފީލްޑް ކުޅުންތެރިޔާ ޓޯނީ ކްރޫސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 31 އަހަރުގެ ކްރޫސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައި މިވަނީ ޔޫރޯ 2020 ގެ ދެވަނަ ބުރުގައި އިންގްލެންޑް އަތުން ނިމިދިޔަ ހަފްތާ އަންގާރަ ދުވަހު 2-0 ގެ ނަތީޖާއިން ބަލިވެ މުބާރާތުން ޖަރުމަނު ކަޓާފައި ވަނިކޮށެވެ.

Ad
rt

ޖަރުމަނުގެ ޤައުމީ ޓީމަށް އޭނާ ވަނީ 106 މެޗު ކުޅެދީ 17 ގޯލުޖަހައި 19 އެސިސްޓް ކޮށްދީފައެވެ. ކްރޫސް ޖަރުމަނުގެ ސީނިއާ ޓީމަށް ފުރަތަމަ ކުޅެފައި ވަނީ 2010 ވަނަ އަހަރުއެވެ. އޭނާ ވަނީ ޖަރުމަނުން 2014 ވަނަ އަހަރު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އިރު، އެ މުބާރާތުގައި ޖަރުމަނުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އޭނާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާން ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހު އޭނާ ބުނެފައި ޤައުމީ ޓީމަށް 106 މެޗު އޭނާ ކުޅެފައިވަނީ ފަޚުރުވެރި ކަމާއިއެކުގައި ކަމަށެވެ. އިތުރަށް ބުނެފައި ވަނީ ކުރިއަށް އޮތް މަދު އަހަރު ތަކުގައި ބޭނުން ވަނީ ރެއާލް މެޑްރިޑާއި އެކު ކުރިއަށް ދާންކަމަށާއި މީގެ އިތުރުން ބޭނުން ވަނީ އާއިލާއަށް ވަގުތު ދޭން ކަމަށެވެ.

ކްރޫސް ފުޓްބޯޅަ ކެރިއާ ފަށާފައި ވަނީ 2007 ވަނަ އަހަރު ބަޔާން މިޔުނިކާއި އެކުގައެވެ. އެ ޓީމަށް 200 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. މިގޮތުން 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގު ވެސް ވަނީ ބަޔާނާއި އެކު ކާމިޔާބު ކޮށްފައެވެ.

ކްރޫސް ރެއާލް މެޑްރިޑަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. ރެއާލް މެޑްރިޑްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކްރޫސް ވަނީ ރެއާލްއާއި އެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮސް ދެ ފަހަރު ލަލީގާ ކާމިޔާބު ކޮށްފައެވެ.