ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކުޑަކުދިން ބަލިތަކުގެ ހާއްސަ ޑރ އައިމިނަތު އަބޫބަކުރު ޚިދުމަތް ދޭންފަށައިފި އެވެ.

ޑރ އައިމިނަތު އަބޫބަކުރު އަކީ ކުޅުދޫފުއްޓަށް އުފަށް އެރަށުގެ ދަރިއެކެވެ.

Ad
rt

ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ޑރ އައިމިނަތު އަބޫބަކުރު ވިދާޅުވީ އަބަދުވެސް ބޭނުންވީ ސްޕެސަލައިޒް ވުމަށްފަހު ރަށަށް ޚިދުމަތް ކުރުން ކަމަށެވެ. އެގޮތުން ނޭޕާލްއިން ކިޔެވުމަށްފަހު ކޭއާރއެޗްގެ ޓީމާއި ގުޅުނީ އުފަންރަށަށް ޚިދުމަތް ކުރުމުގެ ބޭނުމުގައާއި ޚިދުމަތްތައް ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ހުރުމާއިއެކު އަކަންކަމަށް އެހީތެރިވުމުގެ ގޮތުންކަމަށެވެ.

"އަބަދުވެސް ޕްލޭން ކޮށްފައިވާނީ ރަށުގައި ޚިދުމަތްކުރުމަށް، ރަށުގެ ދަރިން ރަށަށް ޚިދުމަތް ކުރަން ނާންނަނަމަ އެހެން ބަޔަކު ޚިދުމަތް ކުރަން ނާންނާނެ. އެހެން މީހުން އަންނާނީ ވަޒީފާއަށް ވަޒީފާގެ މުއްދަތު ނިމުމަށްފަހު ތަން ދޫކޮށްދާނެ، ތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެމީހުން ނުވިސްނާނެ، ދިވެހިން މަސައްކަތް ކުރާނަމަ ތަނަށް ލޯބި އޮންނާނެ"

ރަށުގެ ދަރިން ރަށުގައި ޚިދުމަތް ކުރަން އަންނަނަމަ ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރާނެކަން ފާހަކަ ކުރަމުން ޑރ އައިމިނަތު އަބޫބަކުރު ވިދާޅުވި އެވެ.

މީގެ ކުރިން ޑރ އައިމިނަތު އަބޫބަކުރު މަސައްކަތް ކޮށްފައިވަނީ އަހަރެއްހާ ދުވަހު އައިޖީއެމްއެޗްގައެވެ. މެޑިކަލް އޮފިސަލެއްގެ ގޮތުގައި އެހޮސްޕިޓަލުގެ އެމަޖެންސީ އަދި ގައިނީ ޑިޕާޓްމެންޓްގެ އިތުރުން ޕިރިއަޓްރިކްސްގައި މަސައްކަތް ކުރައްވާފައިވެއެވެ.

ޑރ އައިމިނަތު އަބޫބަކުރުގެ އިލްތިމާސްއަކީ މިހާރުވެސް ޑޮކްޓަރކަން ކިޔަވަމުން އަންނަ ކުދިން ކިޔަވާ ނިންމުމަށްފަހު އެނބުރި ރަށަށް ޚިދުމަތްކުރުމަށް ދިއުމެވެ.

މިވަގުތު ކޭއާރުއެޗްގައި މަސައްކަތްކުރުމަށް ދަތިތަކެއް ހުރިކަމަށާއި މިކަންކަން ހައްލުކުރަން ވަރަށް ގިނަ މަސައްކަތްކުރަން ހުރިކަމަށެވެ. އެގޮތުން ކޭއާރުއެޗްއަކީ މާލެދާން ރިފަރަލް ކުރާ ހޮސްޕިޓަލަށް ހެދުމުގެ ބަދަލުގައި އެތަނުން ބަލިމީހާގެ ހުރިހާ ކަމަކަށް ފަރުވާ ލިބޭނެ ތަނަކަށް ވާންޖެހޭނެކަމުގައި ދެންނެވިއެވެ.

"ބަލިމީހަކު ހޮސްޕިތަލަށް ގެންނަ ހިސާބުން ސުމަކުން ފެށިގެން ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަޖެހި ބަލިމީހާ ހޮސްޕިޓަލުގައި މެނޭޖް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހޭ، ލާމަރުކަޒު ކުރެވިގެން ދާއިރު މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ"

ކޭއާރުއެޗް އަކީ އުތުރުގެ 3 އަތޮޅުގެ ވަރަށް ގިނަމީހުން ޚިދުމަތް ހޯދުމަށް އަންނަ ތަނެއްކަން ފާހަގަ ކުރަމުން ޑރ އައިމިނަތު އަބޫބަކުރު ވިދާޅުވި އެވެ.

ކޭއާރު އެޗްއަކީ އަތޮޅުތެރޭގެ ހޮސްޕިޓާތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ދިވެހިން މަސައްކަތްކުރާ އެއް ހޮސްޕިޓަލެވެ. ޑރ އައިމިނަތު އެހޮސްޕިޓަލާއި ގުޅުމާއިއެކު އެހޮސްޕިޓަލުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދަކީ 6 އެކެވެ.