ރާއްޖޭގެ ރިޒާވް 926.1 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
އެމްއެމްއޭއިން ހާމަކުރަށްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި މެއިމަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް ވަނީ 926.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
މިގޮތުން މެއި މަހުގެ ރިޒާވްގައި ހުރި 926.1 މިލިއަން ޑޮލަރަކީ މިއަހަރުގެ އޭޕްރިލް މަހު ރިޒާވްގައި ހުރި 878 މިލިއަން ޑޮލަރާއި އަޅާބަލާއިރު 48.1 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މިއަހަރުގެ ޖެނުއަރީ މަހު ދައުލަތުގެ ރިޒާވްގައި ހުރީ 830.7 މިލިއަން ޑޮލަރުގައި ހުރިއިރު، ފެބްރުއަރީ މަހު މި އަދަދު 855.7 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މާޗު މަހު މި އަދަދު ވަނީ 844.7 މިލިއަން ޑޮލަރަށް ދަށްވެފައެވެ.
މިއަހަރުގެ އޭޕްރިލް މަހު ވަނީ ރާއްޖޭގެ ރިޒާވް މައްޗަށް ޖެހިލާފައެވެ. މިގޮތުން އޭޕްރިލް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި 878 މިލިއަން ޑޮލަރު ހުއްޓެއެވެ.
ކޯވިޑްގެ ބަލިމަޑުގެ ތެރެއިން ދުނިޔޭގެ އިގުތިޞާދަށް އެރި ލޮޅުމުގެ އަސަރު ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކޮށްފައިވާއިރު، މިހާލަތުން އަރައިގަތުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.
މިގޮތުން ރާއްޖޭގެ އެކިފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށް ދަމަހައްޓަން ގިނަ ލޯނު ޕެކޭޖުތަކެއް ތައާރަފް ކުރަށްވާފައިވާއިރު، ރާއްޖޭގެ އިގްތިޞާދުގެ މައިގަނޑު ސިނާއަތްތައް ކޮޅަށް ޖެހުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ދަނީ މަސައްކަތް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!