ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޔުކްރެއިންއާއި ސްވިޑަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޔުކްރެއިން ޖާގަ ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޔުކްރެއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޔުކްރެއިނުންނެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އޮލެކްސެންޑަރ ޒިންޗެންކޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޑަންއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 43 ވަނަ މިނެޓުގައި އިސަކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފޯސްބާގެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވަނީ ދެ ޓީމްގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިގެން ގޮސްފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޔުކްރެއިންގެ ސިޑްރޮޗުކް ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު އޭގެ ދެ މިނެޓް ފަހުން ސްވިޑަންގެ އެމިލް ފޯސްބާގް ފޮނުވާލި ހަމަލާވެސް ވަނީ ޔުކްރެއިންގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރު ވުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްވިޑަންގެ ޑެނިއެލްސަން ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. ސްވިޑަންއިން މީހަކު މަދުވުމުގެ ފައިދާ ނަގައި ޔުކްރެއިނުން ވަނީ ގޭމް ކޮންޓްރޯލް އަތުލާފައެވެ. މެޗުން ޔުކްރެއިން މޮޅުވެފައި ވަނީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓުގެ ތެރޭގައި އެ ޓީމްގެ އާޓެމް ޑޯވްބީކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ޔޫރޯގެ ތާރީހުގައި އެ ޓީމު މުބާރާތެއްގެ ކުއާޓާފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މި މެޗުން ބަލިވުމުން ސްވިޑަން މުބާރާތުން ކަޓާފައިވާއިރު ކުއާޓާގައި ޔުކްރެއިން ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!