ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗު ކާމިޔާބުކޮށް އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އިންގެލެންޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ނޮކައުޓް ސްޓޭޖު މެޗަކުން ޖަރުމަނު އަތުން އިންގްލެންޑް މޮޅުވެފައި މި ވަނީ 55 އަހަރު ފަހުއެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލް މެޗުން ޖަރުމަނު އަތުން އިންގްލެންޑް މޮޅުވި ފަހުން އެ ޓީމަށް ޖަރުމަނު ކައިރިން ނޮކައުޓް މެޗަކުން ސަލާމަތްވި ފުރަތަމަ ފަހަރެވެ.
ސާޅީސް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތު ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ މާ ގިނަ ފުރުޞަތުތަކެއް ދެ ޓީމަށް ވެސް ތަނަވަސް ކުރެވިފައި ނުވެއެވެ. މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ޖަރުމަނުގެ ފޯވާޑް ހަވާޓްޒެވެ. އޭނާ ފޮނުވާލި ހަމަލާ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ފެނިގެން ގޮސްފައި ވަނީ މެޗުގެ ދެވަނަ ހާފުގައެވެ. އިންގެލެންޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ލުކާ ޝޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސްޓާލިންއެވެ. އެ ލަނޑު ޖެހިތާ ކުޑަ ވަގުތު ކޮޅެއް ފަހުން ޖަރުމަނުގެ ފޯވާޑް ތޯމަސް މުލާއަށް ވަނީ ހުސް ފުރުޞަތެއް ލިބިފައެވެ.
އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މެޗުގައި ޖަރުމަނުން ލީޑު ފުޅާ ކޮށްފައި ވަނީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މި ލަނޑު ގްރީލިޝް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ހެރީ ކޭންއެވެ.
މި މެޗުން ބަލިވުމުން ޖަރުމަނު މުބާރާތުން ކަޓާފައިވާއިރު އިންގްލެންޑް ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ ސްވިޑެން އާއި ޔޫކްރޭން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!