މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުންދިޔަ ގްރޭޓަރ މާލެ ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރަން ނިންމައިފިއެވެ.

އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޓްރާންސްޕޯޓް ޑިޕާރޓްމެންޓުގެ ޖެނެރަލް އެސިސްޓަންޓު މެނޭޖަރ، މުޙައްމަދު މަޙުޖޫބް ވިދާޅުވީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ލިޔެކިޔުންތަކުގައި ސޮއިކުރެވި ރަސްމީގޮތެއްގައި އެމްޓީސީސީއާއި ހިންގުން ހަވާލު ކުރެވޭނެކަމަށެވެ.

Ad
rt

މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ ޓްރާންސްޕޯޓުގެ ޚިދުމަތަކީ އެކުންފުނީގެ މެންޑޭޓުގައި ހިމެނޭކަމެއްނޫންކަމަށާއި 2016 ވަނަ އަހަރު ސަަރުކާރުން ހަވާލުކުރުމުން އެ ޚިދުމަތް ދޭންފެށީކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ 2016 ވަނަ އަހަރު އައްޑުއާއި ފުވައްމުލަކުގައި 13 ބަހާއެކު އެއްގަމު ދަތުރުތަކާއި އަދި އައްޑޫއާ ފުވައްމުލަކާ ދޭތެރޭ ފެރީ ދަތުރުތައް ފަށާ ކަނޑުގެ ދަތުރު ތަކާއިއެކު އެ ޚިދުމަތް އެކުންފުނިން ދޭންފެށުނު ކަމަށް އެބޭފުޅާ ފާހަގަކުރިއެވެ.

އަދި މި ޚިދުމަތް އިތުރަަށް ފުޅާ ވެގެންދިޔައީ ރާއްޖޭގެ އެންމެ ބޮޑު ޕަބްލިކް ޓްރާންސްޕޯޓް ލިންކް ކަމުގައިވާ އެ ކުންފުނިން 2017 ވަނަ އަހަރު ހައްދުންމަތީގައި ޤާއިމު ކުރެވުނު ބަހުގެ ޚިދުމަތުން ކަމަށްވެސް މަޙުޖޫބް ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރު ގްރޭޓަރ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް އެކުންފުނިން ދޭންފެށީ ސިނަމާލެ ބްރިޖް އެޅުނު ހިސާބުން ކަމަށްވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެމްޕީއެލް އިން މާލެ އަދި ހުޅުމާލެ ބަހުގެ ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް އެންމެ ފުރިހަމަ އަށް ދޭންމަސައްކަތް ކޮށްފައިވާނެކަމަށާއި އެގޮތުން ޑަބަލް ޑެކާރ ބަސްތަކާއި އަދި އެމްޕީއެލްގެ ހުރިހާ ބަހެއްވެސް އެއަރ ކޮންޑިޝަން ކޮށްފަ ހުރި ކަން މަޙުޖޫބް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެެމްޕީއެލްގެ ޓްރާންސްޕޯޓު ޑިޕާޓްމެންޓުގެ މެނޭޖަރ އިބްރާހީމް މައުމޫން ވިދާޅުވީ މިހާތަނަށް 560000 މީހުން ގްރޭޓަރ މާލެއިން ބަހުގެ ޚިދުމަތް ހޯދަފައިވާކަމަށާއި އަދި އާންމުން އެ ފަރާތުގެ ޚިދުމަތް ބަލައިގަންނަކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އަދި އެމްޕީއެލް އިން މާލެ ބަހުގެ ޚިދުމަތުގެ ހިިންގުމާއި ހަވާލުވެ ހުރި ދުވަސްތަކުގައި މާލެގެ ރޫޓުތައް އިތުރުކޮށްފައި ވާނެކަމަށާއި އެގޮތުން މިހާރުވެސް މާލޭގެ ވެސްޓުޕާކާއި ހަމައަށް އެކުންފުނީގެ ބަސްތައް ދަތުރު ކުރާކަން މައުމޫން ފާހަގަ ކުރެއްވިއެވެ.

ގްރޭޓަރ މާލެ ބަހުގެ ޚިދުމަތް ފުރަތަމަ 4 މަސް ދުވަހު ދޭންފެށީ މުޅިން ހިލޭކަމަށާއި އަދި ފެށުނުއިރު އެކުންފުނިން ބޭނުންކުރީ 4 ބަސް ކަމަށްވެސް މައުމޫނު ފާހަގަކުރެއްވިއެވެ. އޭރުވެސް ޖުމްލަ 22 ބަސް އޯޑަރު ކުރެވިފާވާކަމަށާއި އަދި މި ޚިދުމަތް އެންމެ ފުރިހަމައަށް ދޭންފެށުނުއިރު މި 22 ބަސް މި ސަރަހައްދުގައި މިހާރުވެސް ދަތުރުކުރެވެމުން އަންނަ ކަމަށް އެބޭފުޅާ ފާހަގަކުރިއެވެ. އެގޮތުން، 8 ޑަބަލް ޑެކަރ ބަހާއި، 5 ސިޓީބަސް އަދި 7 ކޯޗު ބަސް ހިމެނެއެވެ.

މައުމޫން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެކުންފުނިން ހިންގަމުން ގެންދާ ބަސްތަކުގެ ޑުރައިވަރުންނަކީ މުޅިންވެސް ދިވެހި މުވައްޒަފުންކަމަށާއި އަދި ފެށިގެން އައިރު އެކުންފުނިން ޑްރައިވަރުން ތަމްރިން ކުރެވުނު ކަމަށްވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެމްޓީސީސީއާއި ހިންގުން ހަވާލު ކުރެވޭއިރު އެމްޕީއެލްގެ މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުން އެމްޓީސީސީ އަށް ބަދަލުވެގެންދާނެކަމަށާއި އަދި އެ މުވައްޒަފުންގެ އިނާޔައްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް މަޝްވަރާކުރެވިފައިވާކަމަށް މައުމޫން ވިދާޅުވިއެވެ. އަދި މިވަގުތު އެމްޕީއެލްގެ ނަމުގައި ހުރި ބަސްތަކާއި އެހެނިހެން އެސްޓްސްތައް ހިންގުން ބަދަލުވާއިރު އެމްޓީސީސީގެ ދަށަށް ބަދަލުވެގެން ދާނެކަމަށްވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އަދި މައުމޫނު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އާންމުންގެ ފަަރާތުން އެކުންފުނީގެ ޚިދުމަތަށް ލިބެމުންދާ ކޮމެންޓުތަކާމެދު ފަޚުރުވެރިވާކަމަށާއި އަދި އެކަން ބަލައިގަންނަކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދެން ހިންގުމާއި ހަވާލުވާ ފަރާތުންވެސް އެމްޕީއެލް އިން ދެމުންދިޔަ ޚިދުމަތްތަކަށް ވުރެއްވެސް ފުރިހަމައަަށް ދެއްވާނެކަމަށް އުންމީދު ކުރަށްވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ޚިދުމަތުގެ ހިންގުން ބަދަލުވެގެން އަންނަނީ ޓްރާންސްފާ ޕްރޮސެސްގައި ގިނަކަންތައްތަކެއް ކުރަން ހުރުމުންކަމަށާއި ނަމަވެސް އަންނަމަހުގެ 1 ވަނަ ދުވަހު އެމްޓީސީސީއާއި އެކު އެގްރީމެންޓުގައި ސޮއި ކުރެވޭނެކަމަށް އެމްޕީއެލް އިން ހާމަކުރިއެވެ.

އެގްރީމެންޓުގައި ސޮއިކުރެވުނުކަމުގައި ވިއަސް، ޓްރާންސްފާ ޕީރިއަޑެއް ދާނެކަމަށާއި އަދި މި ޕީރިއަޑްގައި ގްރޭޓަރ މާލެ ބަހުގެ ޚިދުމަތް ދިނުމުގައި ދެ ކުންފުނިންވެސް ހަރަކާތްތެރިވާނެކަމަށް އެމްޕީއެލް އިން މައުލޫމާތުދިނެވެ.

އަދި ޓްރާންސްޕޯޓުގެ ޚިދުމަތަކީ އެމްޓީސީސީގެ މެންޑޭޓުގައި ހިމެނޭކަމަށްވިއަސް މާބޮޑެތި ބަދަލުތަކެއް ޚިދުމަތްތަކަށް ނަޔަސް ކުދި ޕޮލިސީ ތަފާަތުވުން ތަށް އަންނާނެކަމަށް އެމްޕީއެލް އިން މައުލޫމާތުދިނެވެ.