ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ސްވިޒަލޭން ބައްދަލުކުރި މެޗު ސްވިޒަލޭންޑުން ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗަކީ ފުޓްބޯޅައިގައި ބަލާހިތްވާ ކަހަލަ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ފޯރިގަދަ މެޗެކެވެ. މި މެޗު ސްވިޒަލޭންޑުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެ، އަދި ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް ނަތީޖާ ނުނިކުތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 ގެ ނަތީޖާއިން ފުރާންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޫމޭނިއާގެ ބުކަރެސްޓުގެ ނެޝަނަލް އެރީނާގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ސްވިޒަލޭންޑުންނެވެ. މި ލަނޑު 15 ވަނަ މިނެޓުގައި ޒޫބާ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބި ކޮށްފައި ވަނީ އެ ޓީމްގެ ފޯވާޑް ސެފެރޮވިޗެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ ސްވިޒަލޭންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ 53 ވަނަ މިނެޓުގައު ސްވިޒަލޭންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަތީޖާ އިތުރަށް ފުޅާ ކުރުމަށް ލިބުނު މި ފުރުޞަތުގެ ބޭނުން އެ ޓީމަށް ހިފިފައި ނުވެއެވެ. އެ ޓީމްގެ ރިކާޑޯ ރޮޑްރިގުއޭޒް ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ތަޖުރިބާކާރު ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއު ކޮށްފައެވެ. ސްވިޒަލޭންޑުން ޕެނަލްޓީ މިސްކޮށްލިތާ ދެ މިނެޓްފަހުން ބެންޒެމާ ވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބެންޒެމާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. އޭގެ ދެ މިނެޓް ފަހުން ގްރިޒްމަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބެންޒެމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ފްރާންސަށް ލީޑު ހޯދައިދީފައެވެ.
ފްރާންސްއަށް ލީޑު ލިބުމާއިއެކު މެޗުގެ ކޮންޓްރޯލް ވެސް އަތުލިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ 3-1 އަށް ބަދަލު ކޮށްލާފައެވެ. މި ލަނޑު އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅައަކުން ކާމިޔާބު ކޮށްދީފައި ވަނީ ޕޮގްބާއެވެ. މި ނަތީޖާއާއިއެކު ފްރާންސުން މެޗު ކާމިޔާބު ކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް ސްވިޒަލޭންޑުން ގެނައި ބައެއް ބަދަލުތަކާއިއެކު އެ ޓީމުން ވަނީ 81 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހައި ފަރަގު ކުޑަކޮށް އުންމީދެއް ހޯދާފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ސެފެރޮވިޗެވެ. ސްވިޒަލޭންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 90 ވަނަ މިނޓުގައި ޒާކާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގަވްރަނޮވިޗެވެ.
އިތުރު ވަގުތުގެ ދެހާފުގައި ވެސް ނަތީޖާ ނުނިކުތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްވިޒަލޭންޑުން ފަސް ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ފްރާންސުން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އިރު އެ ޓީމުން ޕެނަލްޓީ ނާކާމިޔާބު ވެފައި ވަނީ އެ ޓީމްގެ ތަރި އެމްބާޕޭ ފޮނުވާލި ޕެނަލްޓީއެވެ. އެމްބާޕޭ ފޮނުވާލި ޕެނަލްޓީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްވިޒަލޭންޑްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މިއީ މި މުބާރާތުގައި ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނު ފުރަތަމަ މެޗެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑް ބައްދަލު ކުރަން ޖެހޭނީ ސްޕެއިންއާއެވެ.
މި މުބާރާތުގެ ދެވަނަ ބުރުގެ ފަހު މެޗުތަށް މިރޭ އޮންނާނެއެވެ. 21:00 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި އިންގްލެންޑެވެ. 00:00 ގައި ފަށާ މެޗުގައި ބައްދަލު ކުރާނީ ސްވިޑަންއާއި ޔުކްރެއިންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!