ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިންއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުންނެވެ.
ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ކޮންމެ ޓީމަކުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައި ވަނީ ކްރޮއޭޝިއާއިންނެވެ. މި ލަނޑަކީ މެޗުގެ 20 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން މިޑްފީލްޑަރ ޕެޑްރީ އެ ޓީމްގެ ކީޕަރަށް ކުރި ބެކްޕާހެއް ކީޕަރު ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭ ފައިދަށުން ގޮސް ވަދެފައިވާ ލަނޑެކެވެ. ސްޕެއިނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޕަބްލޯ ސަރާބިއާއެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ސްޕެއިންގެ ފެރާން ޓޯރޭސް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގައި ސްޕެއިންއަށް ފުރަތަމަ ލީޑު ހޯދައިދީފައި ވަނީ އެ ޓީމްގެ ޑިފެންޑަރ އަޒްޕިލްކުއޭޓާއެވެ. ސްޕެއިނުން އިތުރަށް ލީޑު ފުޅާ ކޮށްފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައި ޕައު ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފެރާން ޓޯރޭސްއެވެ.
ސްޕެއިނުން ދެ ލަނޑުގެ ލީޑެއް ނެގުމާއިއެކު އެ ޓީމުން މެޗު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނެވެ. ނަމަވެސް މެޗުގެ ފަހު ފަސް މިނެޓްގެ ތެރޭގައި ކްރޮއޭޝިއާއިން ވަނީ ދެ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ މިސްލާވް އޯސިޗް ލަނޑު ޖަހައި ފަރަގު ކުޑަކޮށްދިން އިރު، އެ ޓީމް ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި މާރިއޯ ޕެސަލިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ސްޕެއިން މެޗުން މޮޅުވެފައި ވަނީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގައެވެ. މިގޮތުން ސްޕެއިންއަށް ހަތަރުވަނަ ލަނޑު 100 ވަނަ މިނެޓުގައި މޮރާޓާ ކާމިޔާބު ކޮށްދިންއިރު، ފަސްވަނަ ލަނޑު 103 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އޮޔާޒަބަލްއެވެ.
މި މެޗުން ބަލިވުމާއިއެކު ކްރޮއޭޝިއާ މުބާރާތުން ކަޓާފައިވާއިރު މި މެޗުން މޮޅުވި ސްޕެއިން ކުއާޓާގައި ބައްދަލު ކުރަން ޖެހޭނީ ފްރާންސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!