ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ބްރެޒިލްއާއި އިކުއެޑޯ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ވެނެޒުއޭލާ އަތުން ޕެރޫ މޮޅުވެއްޖެއެވެ.
ބްރެޒިލް އެންމެ ފަހުން ކުޅުނު ދިހަ މެޗު ވެސް ކާމިޔާބު ކޮށްފައި ވީނަމަވެސް މި މެޗުން އެއްވަރު ވުމުން މޮޅުވުމުގެ ސިލްސިލާ މިވަނީ ނިމުމަކަށް އައިސްފައެވެ. އާދީއްތަ ދުވަހުގެ ރޭ ބްރެޒިލްއާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
މި މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ކުޅެފައިނުވެއެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ބްރެޒިލުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެޑަ މިލިޓާއޯ މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެވަޓަން ތަނަވަސް ކޮށްދީން ފުރުޞަތެއްގައެވެ. މިއީ މިލިޓާއޯ ބްރެޒިލްއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މި މެޗުގެ ނަތީޖާ އިކުއެޑޯއިން ހަމަހަމަ ކޮށްފައި ވަނީ 53 ވަނަ މިނެޓުގައެވެ. މި ލަނޑު އެނާ ވެލެންސިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އޭންޖެލް މެނާއެވެ.
ގްރޫޕް ބީގައި އާދީއްތަ ދުވަހުގެ ރޭ ވެނޒުއޭލާއާއި ޕެރޫ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޕެރޫއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޕެރޫއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 48 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އަންދުރޭ ކަރިއްލޯއެވެ.
މި ނަތީޖާތަކާއިއެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން މި ގްރޫޕްގެ އެއްވަނަ ލިބިފައި ވަނީ ބްރެޒިލްއަށެވެ. ދެވަނާގައި ހަތް ޕޮއިންޓާއިއެކު ޕެރޫ އޮތްއިރު، ތިންވަނާގައި އޮތީ ހަތަރު ޕޮއިންޓާއި އެކު ކޮލަމްބިއާއެވެ. ހަތަރުވަނާގައި އޮތީ 3 ޕޮއިންޓާއި އެކު އިކުއެޑޯއެވެ. ތާވަލުގެ ފުލުގައި އޮތީ ދެ ޕޮއިންޓާއި އެކު ވެނެޒުއޭލާއެވެ. ގަދަ ހަތަރު ޓީމަށް ކުއާޓާގެ ޖާގަ ލިބިފައިވާއިރު މުބާރާތުން ކަޓާފައިވަނީ ފުލުގައި އޮތް ވެނެޒުއޭލާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!