ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީއާއި އޮސްޓްރިއާ ބައްދަލުކުރި ވާދަވެރި ފޯރިގަދަ މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ޖެހި ލަނޑުތަކުން މޮޅުވެ އިޓަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ އިގިރޭސި ވިލާތުގެ ޤައުމީ ސްޓޭޑިއަމް ކަމުގައިވާ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިޓަލީ ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި ގިނަ ހަމަލާތަކެއް ވެސް އެ ޓީމުން ފުރަތަމަ ހާފުގައި ވަނީ އުފައްދާފައެވެ. އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އިޓަލީގެ ފޯވާޑް އިމޮބިލޭއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ އޮސްޓްރިއާގެ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި އޮސްޓްރިއާ ވަނީ ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށް އިޓަލީއަށް އުނދަގޫތައް ކުރިމަތި ކޮށްފައެވެ. މިގިތޮތުން އެ ޓީމުން މެޗުގެ 65 ވަނަ މިނެޓުގައި އޮސްޓްރިއާގެ މާކޯ އަނައުޓޮވިޗް ވަނީ ލަމޑެއް ޖަހާފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާތީ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ފެނިގެން ގޮސްފައި ވަނީ މި ދެ ހާފުގެ ތެރޭގައެވެ. މިގޮތުން މެޗުގައި އިޓަލީން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 95 ވަނަ މިނެޓުގައި ފެޑެރިކޯ ކިއޭސާއެވެ. އިތުރު ވަގުތުގައި އޮސްޓްރިއާގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ވަނީ ފެނިގެން ގޮސްފައެވެ. އިޓަލީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު 106 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޕެސީނާއެވެ.

ބައެއް ބަދަލުތަކާއިއެކު އޮސްޓްރިއާއިން އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރިތަން ފެނިގެން ދިޔައެވެ. މިގޮތުން އެ ޓީމުން ވަނީ 114 ވަނަ މިނެޓުގައި ލަނޑު ޖަހައި އިޓަލީ ޕްރެޝަރަށް ވައްޓާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ސާސާ ކަލަޒިޗެވެ. މިއީ އިޓަލީން ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. އަދި އެންމެ ފަހުން ކުޅުނު 31 މެޗުންވެސް އިޓަލީ ބަލިވެފައެއް ނުވެއެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގެ އައު ރެކޯޑެކެވެ. އެކަމަކު މި މެޗުގައި އިޓަލީ ކޮޅަށް ވަނީ 11 މެޗަށް ފަހު ގޯލެއް ވަދެފަ އެވެ.

މި ބައްޔާއިއެކު އޮސްޓްރިއާ މުބާރާޓުން ކަޓާފައިވާއިރު، މި މެޗު ކާމިޔާބުކޮށް ކުއާޓާގެ ޖާގަ ހޯދި އިޓަލީ ކުއާޓާގައި ބައްދަލު ކުރަން ޖެހޭނީ ދެވަނަ ބުރުގައި ޕޯޗުގަލްއާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ ދެ މެޗު މިރޭ ވެސް އޮންނާނެއެވެ. 21:00 ގައި ނެދަލެންޑްސްއާއި ޗެކްރިޕަބްލިކް ބައްދަލުކުރާއިރު ދެވަނަ މެޗުގައި މިރޭ 00:00 ގައި ބައްދަލުކުރާނީ ބެލްޖިއަމްއާއި ޕޯޗުގަލްއެވެ.