މާލޭ ސިޓީގެ ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއަކަށް ބަނގުރާ ދަޅުތަކެއް އަރުވަނިކޮށް، އެ ދަޅުތައް އަތުލައި، އެކަމުގައި އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ އަދި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ބަންގުރާ ދަޅުތަކާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ރޭ 12:10 އެހައިކަންހާއިރު އެވެ. އެ އޮޕަރޭޝަނުގައި އެ ޓެކްސީ ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި މައްސަލަދަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އިއްޔެ ވަނީ 71 މައްސަލައަކާއި ގުޅިގެން އެއިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓިފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާވެސް ލާފައެވެ. އޭގެތެރޭގައި އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން 13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅިއާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެތި ހިމެނޭ ކަމަށް ވެސް އެ އިދާރާއިން މިއަދު ހާމަކުރަށްވާފަވެއެވެ.