71 މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ، މިތަކެތި ނައްތާލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން އިއްޔެ ދޫނިދޫގައި ކަމަށެވެ.
މިގޮތުން 12 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2021 ވަނަ އަހަރު ފައިލްކުރެވިފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި 201 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއެކު ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ ބަނގުރާ ނައްތާލެވިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
މީގެތެރޭގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ތަކެތީގެ ތެރޭގައި ހިމެނެނީ، އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން 13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅިއާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެތިކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ސާމްޕަލް ކަޕާއި، ކޮތަޅާއި، ނޫސް ކަރުދާހާއި، ކަރުދާސް ފޮށިގަނޑާއި، ދަބަހާއި، ލަގެޖް ފޮއްޓާއި އަދި ތަށި ފަދަ ތަކެއްތި ހިމެނޭކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ ދޫނިދޫގައި ނައްތާލި ތަކެއްޗާއެކު ދިވެހި ފުލުހުންގެ ހިދުމަތަށް 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެންހުރިހާ ބަނގުރާ ވަނީ ނައްތާލާފައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!