ޅ. ކުރެންދޫގެ 3 ޖަމިއްޔާއަކުން ނަފުރަތުގެ ޢަމަލު ބަޔާން ކުރާ ބިލް ފާސްނުކުރުމަށް ގޮވާލައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން ހުށަހަޅާފައިވާ ނަފުރަތުގެ ޢަމަލު ބަޔާން ކުރާބިލް ފާސްނުކުރުމަށް ގޮވާލާ ކުރިމަގު ފައުންޑޭޝަން، އިނާލް ފައުންޑޭޝަން އަދި ޑިވެލޮޕްމެންޓް ކުލަބު ގުޅިގެން މި ނޫސް ބަޔާން ނެރެފައިވަނީ މިއަދު އެވެ.
މި ނޫސް ބަޔާނުގައި ބުނެފައިވަނީ، ނަފުރަތުގެ ޢަމަލުތައް ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލް ޢުޤޫބާތުގެ 24 ވަނަ މާއްދާއަށް ހުށައެޅިފައިވާ އިސްލާހްތައް ފާސްވެއްޖެނަމަ، މުޅި އިސްލާމީ ދަޢުވަތަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އެ ޖަމުޢިއްޔާތަކުންދެކޭކަމަށެވެ.
"މިގޮތުން މިބިލަކީ އިސްލާމް ދީނާއިދެކޮޅު ސެކިއުލަރ ފިކުރުގެ ދިވެހިންނާއި ބޭރުގެ އެފަދަ މީހުންނަށް ހިތްވަރުދޭ ބިލެކެވެ. މިބިލްފާސްވެއްޖެނަމަ، މިދިވެހި ފަސްގަނޑުގައި އިސްލާމްދީން ދިފާޢުކޮށް، މުންކަރާތްތައް ނަހީކޮށް، ދިވެހި ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމުގެ ނިޔަތުގައި ވެސް އެއްޗެކޭ ބުނުމުގެ ފުރުސަތު ބަންދު ވެގެންދާނެއެވެ. ދިވެހިންގެ ދުލާއި ޤަލަމުގައި ކަސްތޮޅުއެޅިގެންދާނެއެވެ."
އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައ ބުނެފައިވަނީ، މިއީ އެއްވެސް ހާލެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ހުއްޓުވުމަށް ނުވަތަ ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ހުށައެޅިފައިވާ ބިލެއް ކަމުގައި މިޖަމްޢިއްޔާތަކުންނުދެކޭކަމަށެވެ.
މިއީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ޢަމަލު ކުރާ މީހުންނާ ދެކޮޅަށް ދިވެހިންނަށް ބަސްބުނުން މަނާކުރުމަށް ހުށައެޅިބިލެއްކަމުގައި ދެކޭކަމަށެވެ.
މުޅިރާއްޖޭގައި ފުޅާދާއިރާއެއްގައި ފާޑުކިޔުންތައް އަމާޒުވެފައިވާ، އަދި އިސްލާމް ދީނަށްލޯބިކުރައްވާ ހުރިހާ ޢިލްމުވެރިން ވެސް މިބިލާއިމެދު އެއްވިސްނުމެއްގައި މިބިލްފާސް ނުކުރުމަށް ގޮވާލަމުންދާއިރު، މިބިލް ފާސްނުކޮށް ފޮނުވާލުމަށް ރައްޔިތުންގެ މަޖްލިސްގެ އެންމެހާ މެމަބަރުންނަށް ގޮވާލާކަމުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!