މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިންއިން މީޑިއާތަކަށް އެޅި ފިޔަވަޅުތައް އަނބުރާ ގެންގޮސް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

އެމްޖޭއޭއިން މިހެން ގޮވާލީ، 13އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގެ ހަބަރުތައް ގެނެސްދިނުމުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މައުލޫމާތުތައް އާންމުކޮށްފައިވާ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީން އިން "އަވަސް އޮންލައިން" 2،000 ރުފިޔާއިން ޖޫރިމަނާކޮށް، މައާފަށް އެދެން އެންގުމާއި "ވަގުތު"، "ވަން އޮންލައިން" އަދި "އަދަދު" ނޫހަށް ޖެންޑާ މިނިސްޓްރީން އިންޒާރުކޮށް ނޯޓިސް ފޮނުވާފައިވާ މައްސަލައާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

Ad
rt

މި ބަޔާނުގައި އިތުރަށް ބުނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2009) އިން ބާރު ލިބިގެން ކަމަށް ބުނެ ސީދާ ސަރުކާރުގެ ވުޒާރާއަކުން މީޑިއާތަކުން ރިޕޯޓްކުރާ ކޮންޓެންޓް ރެގިއުލޭޓްކޮށް، މީޑިއާތަކަށް ފިޔަވަޅު އަޅާ އިންޒާރުކޮށް ހެދުމަކީ އެ ޖަމްއިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި މީޑިއާ ރެގިއުލޭޓްކުރާނެ ގޮތާއި، އެކަން ކުރާ މުއައްސަސާތައް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް، އެފަދަ އެއްވެސް މުއައްއަސަސާއެއްގެ ބައިވެރިވުމެއް އަދި މަޝްވަރާ އެއް ވެސް ނެތި، ސަރުކާރުގެ ފަރާތުން މީޑިއާތަކަށް އިންޒާރު ދީ، ޖޫރިމަނާކުރުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމުގައި އެ ޖަމިއްޔާއިން ދެކޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީއިން ފިޔަވަޅު އެޅި މީޑިއާތަކާ ހަވާލާދީ އެ ބަޔާނުގައި ބުނެފައިވަނީ، ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް އަދި އެއްވެސް ޒާތެއްގެ މުއާމަލާތެއް ވެސް މިނިސްޓްރީން އެ މީޑިއާތަކާ އެކު ކޮށްފަނުވާކަމަށެވެ.

ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަ ނުކޮށް އަދި ތަހުގީގެއް ކުރުމަކާ ނުލާ، ޖަވާބުދާރީވުމުގެ ފުރުސަތެއްވެސް ދިނުމެއް ނެތި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެ ޖަމިއްޔާއިން ބަލައިގަންނަ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ކަނޑައެޅިގެން ފުށުއަރާ، އަދި ދުނިޔޭގައި މިފަދަ މައްސަލަތަކުގައި އަމަލުކުރެވޭ "ބެސްޓް ޕްރެކްޓިސް" ގެ އުސޫލުތަކާވެސް ހިލާފުވާ ކަމެއް ކަމަށާއި މިކަމަކީ އެ ޖަމިއްޔާއިން ކަނޑައެޅިގެން ދެކޮޅު ހަދާ އަމަލުތަކެއް ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

އަދި ނޫސްތަކުގައި ޝާއިއުކުރާ ހަބަރާއި، ފޮޓޯ އަދި އެހެނިހެން މައުލޫމާތާ ގުޅޭ އެތިކަލް މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭނީ ގާނޫނުން ސާފު ސީދާކޮށް އެކަން މަތިކޮށްފައިވާ ނޫސްވެރިކަން ރެގިއުލޭޓްކުރާ އިދާރާތަކުންކަމަށް އެ ޖަމްއިއްޔާއިން ގަބޫލު ކުރެއެވެ.

ސަރުކާރާއި ދައުލަތުގެ އެ ނޫން ފަރާތްތަކުން މީޑިއާތަކާ މެދު ފިޔަވަޅު އަޅައި އިންޒާރުދީ ހެދުމަކީ އެ ޖަމިއްޔާއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫންކަމުގައިވެސް އެ ޖަމްއިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ ސިޔާސީ ނުފޫޒާއެކު އަދި ސަރުކާރުގެ ފަރާތުން މީޑިއާތައް ރެގިއުލޭޓްކުރަން އުޅުމުގެ ހިތި ތަޖުރިބާ މީގެ ކުރިން ރާއްޖޭގެ ނޫސްވެރިން ކޮށްފައިވާއިރު، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާ މިންވަރު ނުހަނު ސާފުކޮށް ފެނިގެން ގޮސްފާވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން މިމައްސަލާގައި އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންގޮސް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ވެސް މިއަދު ވަނީ މި މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެެެެވެ.