13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލައިފައިވާ މައްސަލައިގައި އެކި މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން، ބައެއް މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުގެ ލިޔުން ފޮނުވަމުންދާތީ އެކަމާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެމްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި ޝާއިޢުކުރާ ޝާއިޢުކުރުންތަކުގެ މައްސަލަ ބެލުމުގެ ޤާނޫނީ އިޚްތިސާސް ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށާއި، އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. އަދި އެ އަމަލު ވަނީ އެމްއެމްސީ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 18/2010 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިޢުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެ ކައުންސިލަށްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިސްވެދެންނެވުނު އުސޫލުގެ ތެރެއިން ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާ ޚިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، އެ ކައުންސިލުން ކުރަންޖެހޭކަމެއްކަމުގައި ދެކޭކަމަށްވެސް އެމްއެމްސީން ބުނެފައިވެއެވެ.
އަދި އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާޢަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެކަމެއްކަމުގައި އެ ކައުންސިލުން ޤަބޫލު ނުކުރާކަމަށާއި މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައިވެސް ނުދެކޭކަމަށް އެ ކައުންސިލުން ފާހަގަ ކުރިއެވެ. އަދި މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލައިފައިވާ މައްސަލައިގެ ޚަބަރު މީޑިއާތަކުން އާންމުކުރުމުގައި، ޤާނޫނު އަސާސީއާއި، އެ ކައުންސިލުން އެކުލަވާލައިފައިވާ، "ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު" އަދި ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިނާއި ޚިލާފަށް އެ ޚަބަރު ނޫސްތަކުގައި ޝާއިޢުކޮށްފައިވާކަން އެ ކައުންސިލަށް ފާހަގަކުރެވުނު ހިސާބުން އެކަން މީޑިއާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މި މަހު 22 ވަނަ ދުވަހު ވާނީ ކައުންސިލުގެ ނޫސްބަޔާނެއް ނެރެފާކަމަށް ފާހަގަކުރިއެވެ.
އަދި އެ ކައުންސިލުން އިއްޔެ ބޭއްވުނު ޖަލްސާގައި މި މައްސަލައިގައި މަޝްވަރާކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން އެ ކައުންސިލުން މޮނިޓަރކުރަމުން ގެންދިޔަ ޚަބަރުތަކުގައި ހިމެނޭ މަތީގައި ބަޔާންކޮށްފައިވާ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ނިންމައި މިހާރުވަނީ އެ މަސައްކަތް ފަށިފާކަމަށްވެސް އެމްއެމްސީ އިން ހާމަކުރިއެވެ.
މި އެސެސްމަންޓް ހަދަން ނިންމާފައިވާކަމުގެ މައުލޫމާތު މިހާރުވާނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށާއި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށާއި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާވެސް ހިއްސާކޮށްފަކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްސީ އިން މި މައްސަލައިގައި އެސެސްމަންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެކި ފަރާތްތަކުން މީޑިއާތަކާމެދު ފިޔަވަޅުއަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލުތައް ނުހިންގުމަށް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ. އަދި މީޑިއާތަކުގައި ޝާއިޢުކުރާ އެއްވެސް ކޮންޓެންޓަކާގުޅިގެން މައްސަލައެއް ފާހަގަވާނަމަ، އެ ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ އިޖުރާއަތްތަކުގެ ތެރެއިން އެކަން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެމްސީއިން މީގެ ކުރިން ނެރުނު ބަޔާނުގައި ވަނީ 13 އަހަރުގެ ކުޑަކުއްޖާގެ ފޮޓޯއާއި އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތުތައް އެއްވެސް މީޑިއާއްގައި ޝާއިރު ނުކުރުމަށާއި މިފަދަ މައުލޫމާތެއް އާންމު ކޮށްފައިވާނަމަ އެކަން އުނިކުރުމަށް ވަނީ ގޮވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!