ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ބުދަ ދުވަހުގެ ރޭ ފްރާންސާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވެ، އަދި ޖަރުމަނާއި ހަންގޭރީ ބައްދަލުކުރި މެޗުވެސް އެއްވަރުވެ މުބާރާތުގެ ދެވަނަ ބުރުން ފްރާންސާއި ޖަރުމަނުގެ އިތުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ.

ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

ބުޑަޕެސްޓުގެ ޕުސްކާސް އެރީނާގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޕޯޗުގަލްއިންނެވެ. މި ލަނޑަކީ ފްރާންސްގެ ކީޕަރ ހޫގޯ ލޮރިސް ޕޯޗުގަލްގެ ޑަނީލޯ ޕެރޭރާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މެޗުގެ 31 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސުން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޕޯޗުގަލްގެ ސްމެޑޯ ފްރާންސްގެ ފޯވާޑް އެމްބައްޕޭއަށް ޕޯޗުގަލްގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ކަރީމް ބެންޒެމާއެވެ.

ފްރާންސުން ވަނީ މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި މެޗުގައި ލީޑުނަގާފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ޕޮގްބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބެންޒެމާއެވެ. މި ލަނޑު ފުރަތަމަ އޮފްސައިޑް ލަނޑެއް ކަމަށް ރެފްރީ ނިންމި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ބެންޒެމާއަށް ބޯޅަ ލިބުނުއިރު އޮންސައިޑްގައި ހުރުމުން ރެފްރީވަނީ އެއީ ރަނގަޅު ލަނޑެއް ކަމުގައި ނިންމާފައެވެ.

މެޗުގައި ޕޯޗުގަލްއިން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ މި މުބާރާތުގައި ކުޅުނު ތިން މެޗުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. މި ލަނޑާއިއެކު ރޮނާލްޑޯއަށް ވަނީ ޤައުމީ ޓީމަށް 109 ލަނޑު ޖަހައިދީގެން އިރާންގެ އަލީ ދާއީ ހަދާފައިވާ ރެކޯޑާއި އަރާހަމަކޮށްފައެވެ.

މި ގްރޫޕުގައި ޖަރުމަނާއި ހަންގޭރީ ބައްދަލުކުރި މެޗު ވެސް ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗު ޖަރުމަނުން ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނު ނަމަވެސް މެޗުގައި ހަންގޭރީން ވަނީ ދެފަހަރު މަތިން ޖަރުމަނު ޕްރެޝަރަށް ވައްޓާލާފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައި ވަނީ ހަންގޭރީންނެވެ. މި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ރޮލާންޑް ސައްލާއީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑަން ޒަލާއީއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި މި ނަތީޖާއިންނެވެ. މެޗުގެ ޖަރުމަނުން ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަ ކޮށްފައި ވަނީ 66 ވަނަ މިނެޓުގައި ހުމެލްސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހަވާޓްޒްއެވެ. ޖަރުމަނުން ލަނޑުޖެހިތާ ދެ މިނެޓްފަހު ހަންގޭރީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ޒަލާއީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އަންދްރަސް ޝޭފާއެވެ. ޖަރުމަނުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 84 ވަނަ މިނެޓުގައި ލެއޮން ގޮޓްޒާކާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ނަތީޖާތަކާއިއެކު މި ގްރޫޕްގެ އެއްވަނަ ލިބެނީ ފްރާންސަށެވެ. އެ ޓީމަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ޖަރުމަނަށާއި ތިންވަނާގައި އޮތް ޕޯޗުގަލްއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ޖަރުމަނާއި ފްރާންސް މޮޅުވިޔަނުދީ ހިފަހައްޓައިގެން ހަންގޭރީން ވަނީ މުބާރާތުގައި ދެ ޕޮއިންޓް ހޯދާފައެވެ. ނަމަވެސް އެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.