އިންޑިއާއިން ކޯވިޑް-19ގެ ފަހުގެ ވޭރިއަންޓު ކަމަށްވާ ޑެލްޓާ ޕްލަސް ފެނިފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.
އެ ގައުމުން ބުނެފައިވާގޮތުގައި މިހާތަނަށް 22 މީހުންގެ ގައިން މި ވޭރިއަންޓް ވަނީ ފެނިފައެވެ. މި ވޭރިއަންޓް ފެނިފައިވަނީ އެ ގައުމުގެ މަހަރާޝްތުރާ އާއި ކެރަލާ އަދި މަދްޔަޕްރަދޭޝް އިންނެވެ. އެހެންކަމުން އެ ސްޓޭޓްތަކުގައި ކޯވިޑަށް ޓެސްތު ކުރާ އަދަދު އިތުރު ކުރަން މިހާރު ވަނީ ނިންމާފައެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ މި ވޭރިއަންޓަކީ ފަސޭހައިން ޖެހޭ ވޭރިއަންޓަކަށްވުމުން ކުރިއަށްވުރެ މިހާރު މާ ނުރައްކާތެރިކަމަށެވެ. މިއާއެކު އާ ވޭރިއަންޓް ފެނިފައިވާ ތިން ސްޓޭތުގައި ފިޔަވަޅުތައް ވަރުގަދަ ކުރަން ވަނީ ނިންމައިފައެވެ.
މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި މި ވޭރިއަންޓް އެހެން ވޭރިއަންޓުތަކާ ތަފާތު ވަނީ ތިން ގޮތަކަށެވެ. އެގޮތުން، މި ވޭރިއަންޓަކީ ފަސޭހައިން ޖެހޭ ވޭރިއަންޓަކަށް ވުމާއި މީގެ ސަބަބުން ފުއްޕާމެއަށް ކުރާ އަސަރު އިތުރު ވުމުގެ އިތުރުން މި ވޭރިއަންޓަށް އެންޓިބޮޑިސް ރެސްޕޮންސް ކުރާވަރު ދަށްކަމަށް ވެސް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
އިންޑިއާއިން ލަފާ ކުރާ ގޮތުގައި މި ވޭރިއަންޓާއެކު އެ ގައުމުގައި ކޯވިޑް-19ގެ ތިންވަނަ ރާޅެއް އައިސްދާނެއެވެ. މި ރާޅު ދެވަނަ ރާޅަށްވުރެ ނުރައްކާތެރިވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ކޯވިޑްގެ ދެވަނަ ރާޅާއެކު އިންޑިއާގައި ގިނަ އަދަދެއްގެ މީހުން އަންނަނީ މަރުވަމުންނެވެ. އަދިވެސް އެ ގައުމުގެ ހާލަތު ރަނގަޅު ނުވެއެވެ.
ޑެލްޓާ ޕްލަސް ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ ޔޫރަޕުގެ ގައުމުތަކުންނެވެ. މިއީ ދެކުނު އޭޝިއާގެ ގައުމަކުން މި ވޭރިއަންޓު ފެނުނު ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!