ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އާޖެންޓީނާއާއި ޕެރަގުއޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާޖެންޓީނާ މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދިއިރު ޗިލީ ވެސް މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދައިފިއެވެ.
ހޯމަ ދުވަހުގެ ރޭ އާޖެންޓީނާއާއި ޕެރަގުއޭ ބައްދަލުކުރި މެޗު އާޖެންޓީނާ ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ލަނޑުޖަހާނެ ފުރުޞަތެއް ފުރަތަމަ ލިބިފައިވަނީ އާޖެންޓީނާގެ ފޯވާޑް އަގުއެރޯއަށެވެ. ޕެރަގުއޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ސަބަބުން ލިބުނު ފުރުޞަތުގައި އަގުއެރޯ ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައި، ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޕާޕޫ ގޮމޭޒްއެވެ. މި މެޗުގެ ބޮޑުބައިގައި ޕެރަގުއޭއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ.
މިއީ އާޖެންޓީނާގެ ޖާރޒީގައި މެސީ ކުޅުނު 147 ވަނަ މެޗެވެ. މި އަދަދަކީ އާޖެންޓީނާ ގައުމީ ޓީމަށް ހަވިއާ މަޝެރާނޯވެސް މެޗު ކުޅެފައިވާ އަދަދެވެ. އެއާއެކު މެސީ ވަނީ މަޝެރާނޯގެ އަދަދާއި ހަމަކޮށްފައެވެ. މި މުބާރާތުގައި އާޖެންޓީނާއަށް ކުރިއަށް މެޗުތައް ހުރުމާއިއެކު މި ރެކޯޑް މުގުރާލުމުގެ ފުރުޞަތު މެސީއަށް އެބައޮތެވެ.
މި ގްރޫޕުގައި ހޯމަ ދުވަހުގެ ރޭ ޗިލީއާއި އުރުގުއޭ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޗިލީންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ބެރެރެޓޮން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑުއާޑޯ ވާގަސްއެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވެފައި ވަނީ މެޗުގެ 66 ވަނަ މިނެޓުގައި ޗިލީގެ މިޑްފީލްޑަތ ވިޑާލްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ.
ގްރޫޕް އޭގެ އެއްވަނާގައި ހަތް ޕޮއިންޓާއިއެކު އޮތީ އާޖެންޓީނާއެވެ. ދެވަނާގައި ފަސް ޕޮއިންޓާއިއެކު އޮތީ ޗިލީއެވެ. މި ދެ ޓީމަށް ވަނީ ކުއާޓާގެ ޖާގަ ކަށަވަރު ވެފައެވެ. މި ގްރޫޕުގެ ތިންވަނާގައި އޮތީ ތިން ޕޮއިންޓާއިއެކު ޕެރަގުއޭއެވެ. ހަތަރު ވަނާގައި އެއް ޕޮއިންޓާއިއެކު އޮތީ އުރުގުއޭއެވެ. ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބޮލީވިއާއެވެ. ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު ގަދަ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރު ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!