ޤާނޫނުލްއުޤޫބާތު އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅުއްވި ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީއިން މިކަންބޮޑުވުން ފާޅުކޮށްފައިވަނީ ރޭ ނެރުނު ބަޔާނެއްގައެވެ.

Ad
rt

އެބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ “ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުއުޤޫބާތު) އަށް އިސްލާހު ގެނައުމުގެ ބިލު” ހުށަހަޅުއްވާފައިވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދައި، އާޚިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވި، އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައިކަމަށެވެ.

"މި ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި، ދިރިހުރުމުގެ ހައްޤު ކަށަވަރުކުރުމަށް ނުހަނު މުހިއްމު ކަމެއްކަމަށް މި ޕާޓީ އިން ދެކެމެވެ."

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިބަޔާނުގައި ބުނެފައިވަނީ، މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި، މި ބިލަކީ ދީނާއި ޚިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް އެ ޕާޓީއިން ހަރުއަޑުން ކުށްވެރިކުރާކަމަށެވެ.

"މި ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ މި ދަނިޑިވަޅުގައި، މި ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރާކަމީ މި ޕާޓީއިން ކަންބޮޑުވާ ކަމެކެވެ."

އެބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީއިން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާއި ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުންކަމަށާއި ކޮންމެ ރައްޔިތަކަށްވެސް، އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި މި ގައުމު ބިނާކުރުމަކީ އެ ޕާޓީގެ އެންމެ އިސް އެއް އަމާޒުކަމުގައި ބުނެފައިވެއެވެ.

މިބިލާއި ދެކޮޅު ޕެޓިޝަނާއިި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވާއިރު އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މިބިލަށް ތާއީދުކޮށް ކުރިއަށްގެންދާ ޕެޓިޝަނެއްވެސް ޓުވީޓު ކުރައްވާފައެވެ.

މީގެ 3 ދުވަސް ކުރިން ފެށި އެޕެޓިޝަންއަށް މިއަދުގެ މިހާތަނަށް ލިބިފައިވަނީ 3598 ސޮއެވެ. އެމްޑީޕީއިން ކަނބޮޑުވުން ފާޅުކުރި "ބޭން ސެކިއުލަރ ބިލް" ޕެޓިޝަން އަށް މިހާތަނަށް 7127 މީހަކު ވަނީ ސޮއިކޮށްފަ އެވެ. މިޕެޓިޝަން ފެށީ އެއިގެ އެއްދުވަސް ފަހުންނެވެ.