ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބ. ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޙިސާން ހުސެއިން ހުށަހަޅުއްވާފައިވާ "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލުގައި ހުރި ކަންބޮޑުވުންތައް، އަދާލަތު ޕާޓީން ރައީސް އިބުރާހިމް މުޙައްމަދު ޞާލިހުއާއި ހިއްސާކުރައްވައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް މިއަދު އަދާލަތު ޕާޓީގެ ލީޑަރޝިޕާ ބައްދަލުކުރައްވާ، ނަފްރަތުގެ އަމަލުތަކާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލާ މެދު ހުރި ކަންބޮޑުވުންތަކާއި، ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

Ad
rt

މި ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. މިގޮތުން 124 ވަނަ މާއްދާގެ ގޮތުގައި "ނަފްރަތުގެ އަމަލު ހިންގުން" ނަމުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހުށަހަޅާފަ އެވެ.

މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށާއި، އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށް ވެސް ވަނީ ހިމަނާފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ވެސް ކުށެއް ކަމަށް އެ މާއްދާގައި ބުނެއެވެ.

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރިކަމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއީ ޖުނަޙްގެ އެއްވަނަ ދަރައިގެ ކުށެއް ކަމަށް ވަނީ ބިލުގައި ބުނެފައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ނަފްރަތުގެ ކުށާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި މެދު އެ ޕާޓީގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާ ކުރައްވައިފިކަމަށެވެ. އަދި މި ބިލް ޤާނޫނަކަށް ވެގެން އައްނައިރު ރައްޔިތުއްނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލުހޮދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށް އެޕަޓީން ބުނެފައިވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިމަހު 15 ވަނަ ދުވަހު ބޭއްވުނު ޖަލްސާގައި ޤާނޫނު އިޞްލާޙު ގެނައުމުގެ ހުށަހަޅާފައިވާ މި ބިލު މަޖިލީހަށް، ހާޒިރުވި މެންބަރުންގެ ތެރެއިން ޖުމްލަ 38 މެންބަރުންގެ ވޯޓާއެކު ވަނީ ބަަލައިގަނެފައެވެ. އަދި މި ޖަލްސާގައި ބައިވެރި ވެފައިވަނީ ޖުމްލަ 56 މެންބަރުންނެވެ. މީގެތެރެއިން މިބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނީ 17 މެންބަރުންނެވެ. އެ ޖަލްސާ ކުރިއަށްގެންގޮސްފައި ވަނީ އޮންލައިން ކޮންނެވެ.

ނަފުރަތުގެ ބިލުގައި ކަންބޮޑުވައި ކަންތައްތައް ހުރިކަމަށާއި އަދި އެ ބިލް އިސްލާހުކުރުމަށް ގޮވާލައި ގިނަ ފަރާތްތަކެއް އަންނަނީ ސަރުކާރަށާއި މަޖިލީހަށް ފާޑުކިޔަމުންނެވެ. ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކުންވެސް މިބިލާއި ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. ގިނަ އަދަދެއްގެ ކައުންސިލްތަކުންނާއި އާންމު ޖަމިއްޔާތަކުންވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާބިލާއި ދެކޮޅަށްވަނީ ބަޔާންތައް ނެރެފައެވެ.