"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ހިމެނިފައިވާ އިސްލާހްތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަމުންކުރާ އަސަރު ނުފެނުނު ކަމުގައިވިއަސް، ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް މި އިސްލާޙްތަކުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ސިޔާސީ ހަރަކާތެއް ކަމަށްވާ، މޯލްޑިވްސް ނެޝަނަލް އެކްޝަން (ޑީއެންއޭ)އިން ބުނެފިއެވެ.

ޑީއެންއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމަށެވެ.

Ad
rt

އެހެންކަމުން މި އިސްލާހު ވެފައި މިވަނީ ދިވެހި ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކުރަމުންދާ ބަދަލެއް ކަމަށް އެ ހަރަކާތުން ބުނެފަވެއެވެ.

އެއްވެސް ޤާނޫނަކަށް އެއްވެސް އިސްލާހެއް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުނުވާނޭ ގޮތަށް އެހެންކަމުން މިއިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫންކަމަށާއި، މިކަން ޑީ.އެން.އޭ އިން ހަރު އަޑުން ކުށްވެރި ކުރާކަމަށް އެހަރަކާތުން ވަނީ ބުނެފައެވެ.

"މިގޮތަށް ހުށަހެޅޭ އިސްލާހުތަކަކީ އެ އިސްލާހު ތަކެއް ފާސްވެއްޖެނަމަ ކުރިމަގުގައި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވާނޭ ކަންކަން ކަމުގައި ވާތީ މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިއަސް މިއީ ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނޭ ކަންކަން ކަމުގައި ޑީ.އެން.އޭ އިން ދެކެމެވެ." އެހަރަކާތުން ބުނެފައިވެއެވެ.

މި ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމުން ޑީ.އެން.އޭއިން ބުނެފައި ވަނީ، ޤާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެންވާނީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ލަފަޔާއި ރަޢުޔާ ޚިލާފުނުވާނޭ ގޮތަށް ކަމުގައި ދެކޭ ކަމަށެވެ.

ޑީއެންއޭއަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިސްވެ ތިއްބަވާ ހިންގަވާ ސިޔާސީ ހަރަކާތެކެވެ.