ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ދުނިޔޭގެ ޗެމްޕިއަން ފުރާންސާއި ހަންގޭރީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ހަންގޭރީގެ ފްރެންކް ޕުސްކަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މި ގްރޫޕްގައި ފްރާންސް ވަނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ބަލިކޮށް ތިން ޕޮއިންޓް ހޯދާފައެވެ. ވުމާއެކު މިރޭ މެޗުން މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އެ ޓީމަށް އޮތްނަމަވެސް މި މެޗު އެއްވަރު ވުމުން އެ އިންތިޒާރު މިވަނީ ދިގުލާފައެވެ.

މި މެޗުގައި ފްރާންސްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. 61 އިންސައްތަ ބޯލް ޕޮޒިޝަން އެ ޓީމުން ހިއްސާކުރި އިރު ހަންގޭރީގެ ގޯލާއި އަމާޒުކޮށް ފަސް ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. މި މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ހަންގޭރީގެ ގޯލަށް ފޮނުވާލާފައި ވަނީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާއެވެ. 13 ވަނަ މިނެޓުގައި ބެންޒެމާ ފޮނުވާލި ހަމަލާ ހަންގޭރީގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އެއަށް ފަހު އެ ޓީމްގެ ތަރި އެމްބަޕޭއަށް ވަނީ ހުސް ފުރުޞަތެއް ލިބިފައެވެ. ހަންގޭރީގެ އޭރިއާތެރޭ ހުހަށްހުރެ ބޮލުން އޭނާ ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލުގެ އަރިމަތިން ބޭރަށެވެ. އެއަށްފަހު ފުރަތަމަ ހާފުގައި ބެންޒެމާއަށް ވެސް ވަނީ ހުސް ފުރުޞަތެއްލިބި ބޭނުން ނުކުރެވިފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ހަންގޭރީންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބު ކޮށްދީފައިވަނީ ފިއޯލާއެވެ.

މި މެޗުގެ ފަހު ހާފުގައި ވެސް ފްރާންސުން ވަނީ ހަންގޭރީގެ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް ޑެމްބެލޭ ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ހަންގޭރީގެ ގޯލުގެ ދަނޑިއަށެވެ. މި މެޗުގައި ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ މެޗުގެ 66 ވަނަ މިނޓުގައި އެންޓޯނިއޯ ގްރީޒްމަންއެވެ.

މި ނަތީޖާއާއިއެކު މި ގްރޫޕްގެ އެއްވަނާގައި މިވަގުތު ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ފްރާންސެވެ. ދެވަނާގައި ތިން ޕޮއިންޓް ހޯދައިގެން ޕޯޗުގަލް އޮތްއިރު ތިންވަނާގައި އޮތީ އެއް ޕޮއިންޓާއިއެކު ހަންގޭރީއެވެ. މި ގްރޫޕްގެ ފުލުގައި މިވަގުތު އޮތީ ޖަރުމަނެވެ. މި ގްރޫޕުގައި މިރޭ ޖަރުމަނާއި ޕޯޗުގަލް ވާދަކުރާ މެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުޞަތު ޕޯޗުގަލްއަށް އެބައޮތެވެ. މުބާރާތުގައި ކުރިއަށް ދާން ބޭނުން ނަމަ ޖަރުމަނަށް ވެސް މި މެޗު ކާމިޔާބު ކުރަން މަޖުބޫރެވެ.