ދިރާސީ އަހަރުގެ ކިޔެވުން ނިމި، ސްކޫލު ބަންދާ ދިމާކޮށް އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން އިންތިޒާމްކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފިއެވެ.

ޖުމްލަ 8 ހަރަކާތެއް ސްކޫލް ބަންދާ ދިމާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އިމަގުގެ މީޑިއާ ކޯޑިނޭޓަރ ސައުދުﷲ އަހުމަދު ވިދާޅުވިއެވެ. އެގޮތުން، "މިންނަތް" ޕްރޮގްރާމަކީ ކީ ސްޓޭޖް1 ގެ ދަރިވަރުންނަށް ހާއްސަކޮށް ގޭގައި ގަސް އިންދާ ބެލެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ގަސް އިންދާ ހައްދާނެ ގޮތުގެ ތަމްރީނުތައްދެވިގެންދާއިރު، ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ކުއްޖަކަށް ހަދިޔާއަކާއެކު ބެޖެއް ލިބިގެންދާނެ ކަމަށް އިމަގުން މައުލޫމާތުދެއެވެ. މި ޕްރޮގްރާމްގައި މިހާތަނަށް 60 ކުދިން ބައިވެރިވެފައިވާކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ދިވެހިބަހުގެ ލަފްޒުތަކަށާއި އަލަށް އުފެދިފައިވާ މުހިއްމު ލަފްޒުތަކަށް ޅަކުދިން އަހުލުވެރިކޮށް، ދިވެހިބަހަށް ދަރިވަރުންގެ ހިތުގައި ލޯބި ޖެއްސުމަށާއި ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަގްސަދުގައި "ލަފްޒް ވާދަ" ނަމުގައި އިމަގުން ޕްރޮގްރާމެއް ހިންގުމަށްވަނީ ނިންމާފައެވެ. އަދި، އިމަގާ ދިވެހި ބަހުގެ އެކެޑިމީއާ ގުޅިގެން "މުސައްނިފު" ގެ ނަމުގައި އަންނަ ދިރާސީ އަހަރު ގްރޭޑް 10 ގައި ތައުލީމް ހާސިލުކުރާ ދަރިވަރުންނަށް ހާއްސަކޮށް ލިޔުންތެރިކަމުގެ ހުނަރު ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ދިވެހިބަހުގެ އެކެޑެމީގެ ހާއްސަ ސެޓްފިކެޓެއް ލިބިގެންދާނެކަމަށް އިމަގުން ބުނެއެވެ.

ސްކޫލު ބަންދު ދުވަސްތަކުގައި ކުޑަކުދިންނަށް ނަމާދުކުރާނެ ގޮތް ދަސްކޮށްދިނުމުގެ މަގްސަދުގައި "حي على الصلاة" ގެ ނަމުގައި 4 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވެވޭ ގޮތަށް 4 ޖުލައި ގައި މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އިމަގުންވަނީ ނިންމާފައެވެ. މިޕްރޮގްރާމުގައި ކިޔަވައިދެއްވަނީ އައްޝެއިޚް އަބްދުލް ގާދިރު މުހައްމަދެވެ. މިހާތަނަށް މިޕްރޮގްރާމުގައި 139 ކުދިން ބައިވެރވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ ދައުރާ ގުޅޭގޮތުން ޑރ. އައިޝަތު އަލީ ނާޒްގެ ދަރެހެއް ވެސް ސްކޫލް ބަންދާ ދިމާކޮށް ބާއްވާގޮތަށް ތާވަލުކުރެވިފައިވާކަމަށް އިމަގުން މައުލޫމާތު ދެއެވެ.

މިފެށޭ ޖުލައި މަހުގެ 1 ވަނަ ދުވަހު އިމަގު "މެރަނާ" ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، ފިފާ ޕީއެސް 4 މުބާރަތެއް ކުރިއަށް ގެންދަންވަނީ ނިންމާފައިވެއެވެ. އެހެންމެ، އިމަގުން ވަނީ ދިވެހިރާއްްޖޭގެ ރެޑް ކްރެސެންޓާ ގުޅިގެން ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމެއްވެސް ސްކޫލް ބަންދުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައެވެ.

ބޮޑު ބަންދާ ދިމާކޮށް އިމަގުގެ ހަރަކާތްތައް އިތުރުވެފައިވަނީ، އިމަގުގެ ގޮފިތައް އުފެދި އެ ގޮފިތަކުން އިސްނަގައިގެން ހަރަކާތްތައް ރާވާ ހިންގަމުންދާތީ ކަމަށް އިމަގުގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވިއެވެ.

"އަންނަ މަހުގެ 2 ވަނަ ދުވަހު އިމަގުގެ ގޮފިތައް ރަސްމީކޮށް އިފްތިތާހްކޮށް، އިމަގުގެ ރިހިޔޫބިލް ލޯގޯ ނެރުމަށް ހާއްސަ ހަފްލާއެއް ބޭއްވުމަށްވަނީ ނިންމާފަ. ހަމަ އެރޭ، އިމަގުގެ މުއައްސިސްގެ ޒިކްރާ އާކުރުމުގެ ގޮތުން ނެރޭ ވީޑިއޯ ވެސް ނެރުމަށް ވަނީ ހަމަޖެހިފަ. ބޮޑު ބަންދާ ދިމާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތަކުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވައިލެވިފަ" ސައުދުﷲ ވިދާޅުވިއެވެ.

އިމަގުގެ ގިނަ ހަރަކާތްތައް ކުރިއަށް ހުރި ދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް "ތިލަދުން" އަށް މައުލޫމާތު ލިބެއެވެ.