އަފްގާނިސްތާނުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ، ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ފަރާތުން މިރޭ އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ކ. މާލެ، މ. މޫންލައިޓްވެލީ، ޢަލީ ޝާފިޢާއި އޭނާގެ އަނބިމީހާއާއި 04 ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްއިން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް 2018 ނޮވެންބަރު 18 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް ލިބުމުގެ ކުރިން މި މީހުންނާ ގުޅޭ މިފަދަ މަޢުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށާއި، މި މަޢުލޫމާތު ލިބުމާއެކު އަފްޣާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެއިދާރާގެ ޓީމެއް 2019 ފެބުރުއަރީ މަހު ތެރޭގައި އަފްޣާނިސްތާނަށް ގޮސްފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެދަތުރާއިގުޅޭ ތަފްޞީލުތައް 2019 ޑިސެންބަރު 03 ވަނަ ދުވަހު ފުލުހުން އާންމުކުރަށްވާފައި ވާނެ ކަމަށާއި، މި މައްސަލައާ ގުޅިގެން ޢަލީ ޝާފިޢުއާއި އޭނާގެ އަނބިމީހާގެ މައްޗަށް އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވާކަމުގެ މައުލޫމާތުވެސް އެ އާންމުކޮށްފައި ވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
"މި މައްސަލައިގައި ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ."
ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާމެދު މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ވާހަކަ ދައްކައި، ސޯޝަލް މީޑިއާގައި ޕޯސްޓު އާންމުކުރާ މީހުންގެ މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!