ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ބުދަ ދުވަހުގެ ރޭ އިޓަލީއާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން އިޓަލީ ޖާގަ ހޯދައިފިއެވެ. މި މެޗު އިޓަލީ ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ
އިޓަލީގެ ރޯމުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބެރާޑީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލޮކަޓެއްލީއެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އިޓަލީން ވަނީ މެޗުގެ ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އެ ޓީމުން މެޗުގެ 52 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ވަނީ ފުޅާ ކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ލޮކަޓެއްލީއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ބަރެއްލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އިމޮބައިލެވެ. މިއީ އިމޮބައިލް ވެސް މި މުބާރާތުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
އިޓަލީން މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ތުރުކީގެ މައްޗަށް ވަނީ 3-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. އިޓަލީ އެންމެ ފަހުން ކުޅުނު 29 މެޗުން ވެސް އެ ޓީމް ބަލިވެފައި ނުވާއިރު ، އެ ޓީމުން އެންމެ ފަހުން ކުޅުނު 10 މެޗުގައި އެ ޓީމް ކޮޅަށް ލަނޑެއް ވެސް ވަދެފައި ނުވެއެވެ.
މި މުބާރާތުގެ އިޓަލީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ގްރޫޕް އޭ ގެ އެއްވަނާގައި ހަ ޕޮއިންޓާއެކު އެ ޓީމް އޮތްއިރު، މި މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ހޯދި ފުރަތަމަ އެ ޓީމް ވަނީ ވެގެން ގޮސްފައެވެ. މި ގްރޫޕްގެ ދެވަނާގައި ހަތަރު ޕޮއިންޓާއިއެކު ވޭލްސް އޮތްއިރު ތިންވަނާގައި އެއް ޕޮއިންޓާއިއެކު އޮތީ ސްވިޒަލޭންޑެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ތުރުކީއެވެ.
މި މުބާރާތުގެ ތިން މެޗު މިއަދު ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި 18:00 ގައި ބައްދަލުކުރާނީ ޔުކްރެއިން އާއި ނޯތު މެސެޑޯނިއާއެވެ. ދެވަނަ މެޗުގައި 21:00 ގައި ޑެންމާކާއި ބެލްޖިއަމް ބައްދަލުކުރާއިރު، ދަންވަރު 00:00 ގައި ބައްދަލު ކުރާނީ ނެދަލެންޑާއި އޮސްޓްރިއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!