ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ބުދަދުވަހުގެ ރޭ ވޭލްސްއާއި ތުރުކީ ބައްދަލުކުރި މެޗު ވޭލްސްއިން ކާމިޔާބުކޮށް އެ ޓީމުން ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. އަޒަރުބައިޖާންގެ ކެޕިޓަލް ސިޓީގައި ހުންނަ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި 30000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ވޭލްސްއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ވޭލްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި މެޗުގައި އެ ޓީމްގެ ކެޕްޓަން ގެރެތު ބޭލްގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި ވޭލްސްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ބޭލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަމްސޭއެވެ.

Ad
rt

މެޗުގެ 60 ވަނަ މިނެޓުގައި ތުރުކީގެ އޭރިއާގެ ތެރެއިން އެ ޓީމްގެ ޑިފެންކުރި ފައުލަކާއި ގުޅިގެން ވޭލްސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ބޭލް ފޮނުވާލި ޕެނަލްޓީ ގޮސްފައިވަނީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. މެޗުގައި ވޭލްސްއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ ކޮނޯ ރޮބާޓްސްއެވެ. މި ލަނޑު ޖެހުމަށް އެސިސްޓް ކޮށްދީފައި ވަނީ ވެސް ބޭލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް ބޭލްއެވެ.

މި މޮޅާއިއެކު ވޭލްސްއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. މިވަގުތު މި ގްރޫޕްގެ އެއްވަނާގައި އޮތީ ވެސް ވޭލްސްއެވެ. މި ގްރޫޕްގައި މިރޭ ދަންވަރު އިޓަލީއާއި ސްވިޒަލޭންޑް ބައްދަލު ކުރާނެއެވެ. އިޓަލީ ފުރަތަމަ މެޗުގައި ތުރުކީ އަތުން މޮޅުވެފައިވާއިރު، ސްވިޒަލެންޑާއި ވޭލްސް ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ.