ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ފިންލޭންޑްގެ މައްޗަށް ކުރިހޯދައި ރަޝިއާއިން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
ސެއިންޓް ފީޓަސްބާގްގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ރަޝިއާއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ ވަރަށް ކުރީކޮޅު ފިންލެންޑުން ވަނީ ރަޝިއާކޮޅަށް ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު އޮފްސައިޑް ކަމަށް ވަނީ ނިންމާފައެވެ.
މި މެޗުގައި ރަޝިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހުވަގުތު ކާމިޔާބު ކޮށްދީފައި ވަނީ އަލެކްސޭ މިރަންޗުކްއެވެ.
މެޗުގެ ފަހު ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައި ވަނީ ވެސް ރަޝިއާއަށެވެ. މިގޮތުން އެ ޓީމްގެ ފޯވާޑް އާޓޭމް ޒޫބާއަށް ލިބުނު ހުސް ދެ ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.
މި މެޗުން މޮޅުވުމުން ރަޝިއާއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ޕޮއިންޓް ތާވަލު މިހާރު އޮތްގޮތަށް ބަލައިލާއިރު ރަޝިއާ، ބެލްޖިއަމް އަދި ފިންލެންޑް މި ކޮންމެ ޓީމަކަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.
ގްރޫޕް ބީގައި މި މަހުގެ 22 ވަނަ ދުވަހު ރަޝިއާ ޑެންމާކާއި ބައްދަލު ކުރަންޖެހޭއިރު ހަމަ އެ ދުވަހު ފިންލޭންޑް ބައްދަލު ކުރާނީ ބެލްޖިއަމްއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!