ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 200 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވިގޮތުގައި ގދ. ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މިއަދު ވަނީ ނިޔާވެފައެވެ.

Ad
rt

ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވީ ހަވީރު 5:00 ހާއިރުއެވެ.

މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 200 ވަނަ މީހާއެވެ.

ރޭގައި ވަނީ ލ. ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 59 އަަހަރުގެ ދިވެހި އަންހެނެއް ވެސް ނިޔާވެފައެވެ.

މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 40 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.

ރާއްޖެއިން ނިޔާވި މީހުންގެ ތެރެއިން ގިިނަ މީހުންނަކީ ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުރި ހައިރިސްކު މީހުންކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. އެ މީހުންގެ ތެރޭގައި އެންމެ ގިނައީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ހިތުގެ ބަލީގެ އިތުރުން ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ހުރި މީހުން ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ރާއްޖޭއިން މިހާތަނަށް 70،897 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 8،155 މީހުން ތިބިއިރު، މިހާތަނަށް 62،533 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 79 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.