ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ދެވަނަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ޖަރުމަނު ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ފުރާންސުން ކާމިޔާބު ކޮށްފިއެވެ.

ޖަރުމަނުގެ މިޔުނިކްގައި ހުންނަ އެލިއާންޒް އެރީނާ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

Ad
rt

ފުރަތަމަ ހާފުގައި ފްރާންސްގެ މިޑްފީލްޑަރ ޕޮގްބާ ޖަރުމަނުގެ އޭރިއާތެރޭ ހުހަށްހުރެ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައިރު، ފްރާންސްގެ އުންމީދީ ފޯވާޑް އެމްބާޕޭ ފޮނުވާލި ހަމަލާ ޖަރުމަނުގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 20 ވަނަ މިނެޓުގައި ޖަރުމަނުގެ ޑިފެންޑަރ މެޓް ހުމެލްސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި ލަނޑު އޭނާ އަތުން ބައިކޮޅަށް ވަދެފައިވަނީ ފްރާންސްގެ ޑިފެންޑަރ ހެނާންޑޭޒް ޖަރުމަނުގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ކްލިއާ ކޮށްލަން މަސައްކަތް ކުރުމުގެ ތެރޭގައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ފްރާންސްގެ މިޑްފީލްޑަރ އަންދުރޭ ރެބިއުޓް ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ގޯލު ދަނޑިއަށެވެ. ޖަރުމަނަށް ވެސް ލަނޑުޖަހާނެ ފުރުޞަތު ލިބިފައިވާއިރު މުލާ އަދި ގްނާބްރީއަށް ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވެއެވެ. މެޗުގެ 86 ވަނަ މިނެޓުގައި އެމްބާޕޭއާއި ބެންޒެމާ ގުޅިގެން އުފެއްދި ހަމަލާގައި ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި މުބާރާތުގެ ތިން މެޗު ބުދަ ދުވަހުގެ ރޭ ވެސް އޮނާނެއެވެ. ފުރަތަމަ މެޗުގެ 18:00 ގައި ބައްދަލު ކުރާނީ ފިންލެންޑާއި ރަޝިއާއެވެ. ދެވަނަ މެޗުގައި 21:00 ގައި ބައްދަލުކުރާނީ ތުރުކީއާއި ވޭލްސްއެވެ. ތިންވަނަ މެޗުގައި ދަންވަރު 00:00 ގައި ބައްދަލު ކުރާނީ އިޓަލީއާއި ސްވިޒަލެންޑެވެ.