ކޮރަޕްޝަނުގެ ތުހުމަތުކޮށް ފަތުރަމުން އަންނަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ކޮރަޕްޝަން މައްސަލަތަކެއް އުޅެ ކަމަށް ބައެއް މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި ފެތރެން ފެށުމުންނެވެ.
މިކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ މެނޭޖުމަންޓުން ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް އަދި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެފަދަ ހަގީގަތެއް ނއތް ވާހަކަތައް ދައްކާ ފަރާތްތަކުގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށް ފެނަކައިން ބުންޏެވެ.
ސައީދުއާ ގުޅުވައިގެން މީގެ ކުރިން ވެސް ކޮރަޕްޝަނުގެ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ވަނީ ވާހަކަތަކެއް ފަތުރައިފައެވެ. އެފަހަރުވެސް ފެނަކައިން ވަނީ އެ ވާހަކަތައް ދޮގުކޮށް އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެދިފައެވެ.
ފެނަކައިން މީގެ ކުރިން ބުނިގޮތުގައި އެ ކުންފުންޏާ ގުޅިގެން މިފަދަ ވާހަކަތައް ފަތުރަނީ ކުންފުނީގެ އަގު ވައްޓާލުމުގެ ބޭނުމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!