މާލޭ ސިޓީގެ ފޯނު ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެންވަދެ، ފޯނުތަކެއް ވަގަށްނެގި ދެ މީހަކު، ފޯނުތަކާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި/ކްރެސްޓް، ޢަލީ ފައުޒާންއާއި، ތ. ތިމަރަފުށި/މާފޮޅޭގެ، ޢަބްދުﷲ ސިމާޙުއެވެ. މި ދެ މީހުންގެ އުމުރަކީ ވެސް 31 އަހަރެވެ.

Ad
rt

މި ދެމީހުން ފޯނުތައް ވަގަށް ނެގީ މާލޭ ސިޓީގެ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެންނެވެ. އެ ދެމީހުން ވަނީ އެ ފިހާރައަށް ވަދެ ގިނަ އަދަދެއްގެ ފޯނު ވަގަށް ނަގާފަކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވީ، މި ދެމީހުން ހައްޔަރު ކުރީ، މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، ހިންގި އޮޕަރޭޝަނުގައި އެރޭގެ ވަގުތެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި އެ ދެމީހުންގެ އަތުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޗާޖަރާއި، ހެޑްސެޓުގެ އިތުރުން މޯބައިލް ފޯނާ ގުޅޭ ތަކެތި ހޯދާފައިވާއިރު، މިތަކެތީގެ އަގު 280000 ދިވެހި ރުފިޔާއަށްވުރެ ގިނަވާނެ ކަމަށް ފުލހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ވަނީ ޖަހާފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަށްވަމުން ގެންދަވާ ކަމަށެވެ.