ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ހޯމަ ދުވަހުގެ ރޭ ސްޕެއިންއާއި ސްވިޑަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ސްޕެއިންގައި ކުޅުނު މި މެޗުގައި އެ ޓީމުން 85 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާކުރި ނަމަވެސް މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސް ސްވިޑަންގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. ލަނޑު ޖަހާނެ ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މިގޮތުން މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމް ގެ އޮލްމޯ ސްވިޑަންގެ އޭރިއާތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ ސްވިޑަންގެ ކީޕަރު ދިފާއު ކޮށްފައެވެ. މީގެ އިތުރުން ކޮކޭ ފޮނުވާލި ދެ ހަމަލާ ގޯލާ ގޮސްފައިވަނީ ގޯލާއި އަމާޒުނުވެއެވެ. ސްޕެއިންއަށް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ މޮރާޓާއަށެވެ. މޮރާޓާއަށް ލިބުނު ހުސްފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޮސްފައިވަނީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގެ ފަހު ފަސްމިނެޓުގެ ތެރޭގައި ސްވިޑަންއަށް ވަނީ ލީޑުނަގަން ހުސް ފުރުޞަތެއް ލިބިފައެވެ. އެލެކްސްސެންޑާ އިސަކް ފޮނުވާލި ހަމަލާ ގޯލަށް ކީޕަރުގައިން ނެއްޓި ގޯލަށް ވަންނަން ދަނިކޮށް އެ ހަމަލާ ހުއްޓުވާފައިވަނީ ސްޕެއިންގެ ޑިފެންޑަރ ލޮރެންޓޭއެވެ. އެ ބޯޅަ ބޭރަށް ނުކުމެފައިވަނީ ލޮރެންޓޭ ފައިގަ ޖެހުމަށް ފަހު ގޯލުގެ ދަނޑީގައި ވެސް ޖެހިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސްޕެއިނުން ވަނީ މޮޅަށް ކުޅެ ސްވިޑަންގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުން އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ ގެރާޑް މޮރޭނޯއަށެވެ. ސަރާބިއާ ހުރަސްކޮށްދިން ބޯޅަ މޮރޭނޯ ހުސްކޮށްހުރެ ބޮލުން ފޮނުވާލި ނަމަވެސް މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްވިޑަންގެ ކީޕަރު އެ ހަމަލާ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން ސްޕެއިން އެއްވަރުވުމުން އޭގެ ފައިދާނަގައި ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ޕޮލެންޑް އަތުން ތިން ޕޮއިންޓް ހޯދި ސްލޮވާކިއާއެވެ. ދެވަނާގައި ސްޕެއިން ތިންވަނާގައި ސްވިޑަން އޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ. ޓޭބަލްގެ ފުލުގައި މިވަގުތު އޮތީ ޕޮލެންޑެވެ.

މި މުބާރާތުގެ ދެ މެޗު އަންގާރަ ދުވަހުގެ ރޭ ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި 21:00 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ހަންގޭރީއެވެ. ދަންވަރު 0000 ގައި އޮންނަ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި ފްރާންސްއެވެ. މިއީ ގްރޫޕް އޮފް ޑެތުގެ ގޮތުގައި މައްޝްޙޫރު ވެފައިވާ ގްރޫޕް އެފްގެ ދެ މެޗެވެ.