ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން މޮޅުވެ ޗެކްރިޕަބްލިކުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗު ޗެކްރިޕަބްލިކުން ކާމިޔާބު ކޮށްފައިވަނީ ސްކޮޓްލެންޑާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން އެޓޭކިން ގޭމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މިގޮތުން ޗެކްރިޕަބްލިކްގެ ފޯވާޑް ޕެޓްރިކް ޝިކްއަށް ލިބުނު ހުސް ފުރުޞަތު ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ސްކޮޓްލެނޑްގެ ކެޕްޓަން ރޮބާޓްޝަންއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. އޭނާ ފޮނުވާލު ހަމަލާ ޗެކްރިޕަބްލިކްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ޗެކްރިޕަބްލިކްގެ ކޮއުފަލް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޕެޓްރިކް ޝިކްއެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއިން ޗެކްރިޕަބްލިކް ކުރީގައި އޮވެގެންނެވެ.

މެޗުގައި ޗެކްރިޕަބްލިކުން ކާމިޔާބުކުރި ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ޕެޓްރިކް ޝިކެވެ. މިއީ ޔޫރޯގެ ތާރީޚުގައި ވެސް އެންމެ ދުރުން ކާމިޔާބުކުރި ލަނޑެވެ. ޝެކް މި ލަނޑު ސްކޮޓްލެންޑްގެ ގޯލަށް ފޮނުވާލާފައިވަނީ ގޯލާއި 49.7 ޔާޑު ދުރުގައި ހުރެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާއަށް ވެސް ހޮވިފައިވަނީ އޭނާއެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުގައި އިންގްލެންޑް ވަނީ ކޮރޭޝީއާގެ މައްޗަށް ކުރި ހޯދާފައެވެ. ދެވަނަ މެޗު ޗެކްރިޕަބްލިކް ކާމިޔާބުކުރިއިރު މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ޗެލްރިޕަބްލިކެވެ. ދެވަނާގައި އިންގްލެންޑް އޮތްއިރު ތިންވަނާގައި އޮތީ ކްރޮއޭޝިއާއެވެ. ހަތަރުވަނާގައި އޮތީ ސްކޮޓްލެންޑެވެ.