އެއްވެސް ބޭނުމެއްނެތި މިސްކިތްތަކަށް ވަދެ މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތުގައި 15 މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މި މީހުންނަކީ މީގެ ކުރިންވެސް މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހުންކަމަށާއި، އަދި އެއީ ކުށުގެ ވެށީގައި އުޅޭ ބައެއް ކަމަށެވެ.

Ad
rt

މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 7 މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި 8 މީހަކު ކަސްޓޯޑިއަލް ޖަލެއްގައި ތިން ދުވަހު ބަންދުކޮށްފައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

މި މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފަހަކަށް އައިސް މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ އިތުރުން ނިދުމާއި އެއްޗެހި ދޮވުމާއި އަދި މިސްކިތުގެ ހުރުމަތް ކެނޑޭނެފަދަ ކަންކަމަށް މިސްކިތްތައް ބޭނުން ކުރަމުން އަންނަކަމުގެ ޝަކުވާ ތަކުރާރުކޮށް ފުލުންނަށް ލިބެމުންދާކަމަށް މީގެ ކުރިން ފުލުހުން ވިދާޅުވެފަވެއެވެ. އަދި މިކަމާ ގުޅިގެން ފުލުހުން އަންނަނީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މިސްކިތްތައް ބަލާ ފާސްކުރަމުންނެވެ.