ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވިގޮތުގައި ނިޔާވީ އުމުރުން 55 އަހަރުގެ އަންހެނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

Ad
rt

އެހެންކަމުން މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފައެވެ.

މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 38 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.

ރާއްޖެއިން މިހާތަަނަށް ނިޔާވި މީހުންގެ 60 އިންސައްތައަކީ ފިރިހެނުންކަމަށް އެޗްއީއޯސީން ވަނީ ހާމަކުރަށްވާފައެވެ. އެއިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ތަފާސް ހިސާބުތަކާއި ހަވާލާދީ ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ 60 ޕަސެންޓަކީ ފިރިހެނުން ކަމަށެވެ. އަދި މުޅި ދުނިޔެއިން މިހާތަނަށް ނިޔާވި މީހުންގެ ތެރެއިންވެސް ގިނައީ ފިިރިހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ނިޔާވި މީހުންގެ ތެރެއިން ގިިނަ މީހުންނަކީ ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުރި ހައިރިސްކު މީހުންނެވެ. އެ މީހުންގެ ތެރޭގައި އެންމެ ގިނައީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ހިތުގެ ބަލީގެ އިތުރުން ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ހުރި މީހުންނެވެ.

ރާއްޖޭއިން މިހާތަނަށް 70،301 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 9،323 މީހުން ތިބިއިރު، މިހާތަނަށް 60،769 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 88 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.