ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.
މި މުބާރާތް ހޯމަ ދުވަހު ބްރެޒިލްގައި ފަށާފައިވާއިރު މުބާރާތް ހުޅުވި މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް ބީގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާއި ވެނެޒުއޭލާއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބްރެޒިލުންނެވެ.
ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑިފެންޑަރ މާކީނިއޯސްއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ބްރެޒިލުން ވަނީ ވެނެޒުއޭލާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރެޒިލްއަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ތަރި ނޭމާއެވެ. މިއީ ނޭމާ ޤައުމީ ޓީމަށް ކާމިޔާބު ކޮށްދިން 67 ވަނަ ލަނޑެވެ. މި މެޗުގައި ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ގެބްރިއަލް ބާބޯސާ ކާމިޔާބު ކޮށްފައިވަނީ ނޭމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
މި ގްރޫޕްގެ ދެވަނަ މެޗުގައި ކޮލަމްބިއާއިން ވަނީ އިކުއެޑޯގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކޮލަމްބިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ބޮރާހާގެ އެގީތެރިކަމާއި އެކު ކާމިޔާބު ކޮށްދީފައިވަނީ އެޑްވިން ކާޑޮނާއެވެ.
މި މުބާރާތުގެ ދެ މެޗު މިރޭ ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިރޭ ދަންވަރި 02:00 ގައި ބައްދަލުކުރާނީ އާޖެންޓީނާއާއި ޗިލީއެވެ. ދެވަނަ މެޗުގައި ފަތިހު 05:00 ގައި ބައްދަލުކުރާނީ ޕެރަގުއޭއާއި ބޮލީވިއާއެވެ. މިއޫ ގްރޫޕް އޭގެ ދެ މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!