ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ނޯތު މެސެޑޯނިއާ 3-1 ގެ ނަތީޖާއިން ބަލިކޮށް މުބާރާތުގެ ފެށުން އޮސްޓްރިއާއިން ރަނގަޅު ކޮށްފިއެވެ. ގްރޫޕް ސީގެ މި މެޗު އާދީއްތަ ދުވަހުގެ ރޭ ކުޅެފައިވަނީ ރޫމޭނިއާގެ ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ އޮސްޓްރިއާއިންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސްޓެފެން ލެއިނާއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ މާސެލް ސެބިޓްޒަރ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން އޮސްޓްރިއާގެ ޑިފެންސް ލައިނަށް ހެދުނު ގޯހުގެ ފައިދާނަގައި މެސެޑޯނިއާއިން ވަނީ އެ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ތާރީޚީ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޕަންޑޭވްއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމް އެއްވަރު ވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އޮސްޓއރިއާއިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް މެސެޑޯނިއާއަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 78 ވަނަ މިނެޓުގައި ލަނޑުޖަހައި މެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. މި ލަނޑު އަލަބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ގްރެގޮރިޗެވެ. އެއަށްފަހު މެޗުގައި އެ ޓީމުން ލީޑު އިތުރަށް ފުޅާކޮށްފައިވަނީ މެޗު ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށް ލެއިމާރ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އަރްނައުޓޮވިޗެވެ.
މި މުބާރާތުގެ ހޯމަ ދުވަހު ކުޅޭ މެޗުތަކަށް ބަލައިލާއިރު 18:00 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ސްކޮޓްލެންޑާއި ޗެކްރިޕަބްލިކެވެ މިއީ ގްރޫޕް ޑީގެ މެޗެކެވެ. 21:00 ގައި ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރާއިރު، ދަންވަރު 0000 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ސްޕެއިންއާއި ސްވިޑަންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!